އިބްރާހީމް ނިޝާން އަޙްމަދު
އިބްރާހީމް ނިޝާން އަޙްމަދު
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަޤާމަށް، އެ އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި އިބްރާހީމް ނިޝާން އަޙްމަދު މިއަދު އައްޔަން ކުރަށްވައިފިއެވެ.

އެޗްޕީއޭގެ ޑީޖީގެ މަޤާމު ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި މައިމޫނާ އަބޫބަކުރު މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ. މިއަދު މަޤާމުގެ މަސްއޫލިއްޔަތުތަކާ ޙަވާލުވެވަޑައިގެންނެވި ނިޝާނަކީ ޢާއްމު ޞިއްޙަތުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ.

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި ދުވަސްވަރު، ރާއްޖޭގެ ޢާއްމު ޞިއްޙަތު ރައްކާތެރި ކުރުމަށް ކުރެވުނު ގިނަ މަސައްކަތްތަކެއްގައި ނިޝާން ވަނީ އިސް ދައުރެއް އަދާކުރަށްވާފައެވެ. ވަކިން ޚާއްޞަކޮށް، ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައާއި، އަތޮޅުތެރޭގެ ޞިއްޙީ ނިޒާމުތައް ވިލަރެސްކުރުމުގައި އޭނާ މުހިންމު މަސައްކަތްތަކެއް ކުރެއްވިއެވެ.

މީގެ އިތުރުން، ހިމަބިއްސާއި ރުބެއްލާ ފަދަ ބަލިތައް ރާއްޖެއިން ނައްތާލުމަށް އެޗްޕީއޭއިން ހިންގި ޤައުމީ ޕްރޮގްރާމްތަކުގައާއި، ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ކުރެވުނު މަސައްކަތްތަކުގައިވެސް ނިޝާން ވަނީ މުހިންމު ދައުރެއް އަދާކުރަށްވާފައެވެ.

ޢާއްމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން، އެޗްޕީއޭ ހިންގުމުގެ އެންމެ އިސް މަސްއޫލިއްޔަތު އޮންނަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށެވެ. މި ޤާނޫނުގެ ދަށުން ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާއި، އެފަދަ ޙާލަތްތަކުގައި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމުގެ ބާރު އެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް ލިބިގެންވެއެވެ.



ކިޔުންތެރިންގެ ހިޔާލު