ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަމަންޓް ސްޕޯކްސްޕާސަންގެ މަގާމަށް، ޔޫއޭއީގެ ކުރީގެ ސަފީރު މުޙައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ހާމަކުރިގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މ. ކޮތަންމާގެ މުޙައްމަދު ޙުސައިން ޝަރީފް، ޗީފް ގަވަމަންޓް ސްޕޯކްސްޕާސަންގެ މަގާމަށް އައްޔަންކުރެއްވީ މިނިސްޓަރުންގެ ފެންވަރުގައެވެ.

މުޙައްމަދު ހުސައިން ޝަރީފަކީ ސަރުކާރުގެ މަތީ މަގާމުތަކާއި ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނު ވަނީ މީގެ ކުރިން ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި، ބޭރުގެ އެކިއެކި ގައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުތައް ވެސް ފުރުއްވާފައެވެ.

ޚާއްސަގޮތެއްގައި މުވާޞަލާތީ ދާއިރާއިން ބަލާއިރު، މުންދު ވަނީ 2005 އިން 2007 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްމަންގެ މަގާމާއި، 2007 އިން 2008 އަށް ޕްރެޒިޑެންޝަލް ސްޕޯކްސްޕާސަންގެ މަގާމު ވެސް ފުރުއްވާފައެވެ. އަދި ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޔުނިޓް އުފެދިގެން އައި ދުވަސްވަރު އެ މަސައްކަތުގައި އެމަނިކުފާނު ވަނީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން މުންދު ހުންނެވީ ޔޫއޭއީއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައެވެ.



ކިޔުންތެރިންގެ ހިޔާލު