އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝިޔާމް
އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝިޔާމް
މީގެ 12 އަހަރު ކުރިން ފުލުހުންގެ ވަޒީފާއިން ވަކިކުރި އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމަށް އަލުން ވަޒީފާ ދިނުމަށާއި، އޭނާއަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ޕޮލިސް މީޑިއާގައި ކުރިން މަސައްކަތް ކުރެއްވި ޝިޔާމް، ފުލުހުންގެ ވަޒީފާއިން ވަކިކުރީ 2014 ވަނަ އަހަރުގެ މެއި މަހުގައެވެ. ވަޒީފާއިން ވަކިކުރިއިރު އޭނާ ހުންނެވީ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރުގެ މަގާމުގައެވެ. އޭނާ ވަޒީފާއިން ވަކިކުރީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން އަމަލުތަކެއް ހިންގިކަމުގެ ތުހުމަތުގައެވެ.

މި މައްސަލަ ޝިޔާމްގެ ފަރާތުން އެންމެ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅި ނަމަވެސް، އެ ކޯޓުން ނިންމީ އޭނާއަށް އަލުން ވަޒީފާ ދޭންޖެހޭނެ ތަނެއް ނެތް ކަމަށެވެ. އެއަށްފަހު 2019 ވަނަ އަހަރު އަލުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ 2020 ގައި ނިމުނު ގޮތުން، 2021 ވަނަ އަހަރުގެ ކުރީކޮޅު އޭނާ ވަނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ހައިކޯޓުގައި މި މައްސަލަ ހަ އަހަރަށްވުރެ ގިނަ ދުވަހު ހިންގުމަށްފަހު، މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ޝިޔާމް ވަޒީފާއިން ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމިއިރު، އެ ނިންމުމަށް ރިއާޔަތްކުރި ހެއްކަކީ ކޮބައިކަން އެނގޭނެ ހެއްކެއް ދައުލަތަށް ކޯޓަށް ހުށަހެޅިފައެއް ނުވެއެވެ. އަދި އެ ބޯޑުން އެކަށީގެންވާ މިންވަރުގެ ތަހުގީގެއް ކޮށްފައިވާކަންވެސް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ހުކުމުގައިވެއެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި މި ހުކުމުގައި ވަނީ، ޝިޔާމަށް އަލުން ވަޒީފާ ދިނުމަށާއި، އޭނާ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އަލުން ވަޒީފާ ލިބުމާ ހަމައަށް ލިބެންޖެހޭ ހުރިހާ މުސާރައާއި އިނާޔަތްތައް ދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްފައެވެ. މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ، ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ.

ފުލުހުންގެ ވަޒީފާއިން ވަކިކުރި ފަހުން ޝިޔާމް އުޅުއްވީ ވިޔަފާރީގެ ދާއިރާގައެވެ. އޭނާއަކީ މާލޭގެ މަޝްހޫރު ބައެއް ރެސްޓޯރެންޓްތައް ހިންގުމުގައި އިސްކޮށް އުޅުއްވާ ވިޔަފާރިވެރިއެކެވެ. މީގެ އިތުރުން ފަހަކަށް އައިސް އޭނާ ވަނީ ކުޅިވަރު ހިންގުމުގެ ދާއިރާއިންވެސް ފެނިފައެވެ.



ކިޔުންތެރިންގެ ހިޔާލު