ރައީސް ޑރ. މުހައްމަދު މުއިއްޒު-
ރައީސް ޑރ. މުހައްމަދު މުއިއްޒު-
ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށާއި، ރާއްޖޭގެ ސަރަހައްދީ އިން ވަރުގަދައަށް ބެލެހެއްޓެވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އާއި "ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް" ރަސްމީކޮށް އުފައްދަވައިފިއެވެ.

މި ދެ އިދާރާ އުފެއްދެވިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ ހާމަކޮށްފައެވެ. މިއީ މި އަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވި ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ދެ އޮފީހެކެވެ.

ރައީސް އޮފީހުން ބުނީ ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯއަކީ ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދޭނެ މަރުކަޒެއް ކަމަށެވެ. މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކި ވަސީލަތްތައް މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް ޒަމާނީ ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މެނޭޖްކުރުމެވެ. މީގެ އިތުރުން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދައި، ރައްޔިތުންނަށް އެކަށީގެންވާ ޖަވާބު ފޯރުކޮށްދިނުމަކީވެސް މި ބިއުރޯގެ މަސައްކަތެކެވެ. މި ޚިދުމަތުގެ ދަށުން 24 ގަޑިއިރު ހުޅުވިފައި ހުންނަ ކޯލް ސެންޓަރެއްވެސް ގާއިމުކުރެވޭނެއެވެ.

ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީހަކީ ދިވެހިރާއްޖޭގެ ކަނޑާއި އެއްގަމުގެ ސަރަހައްދުތައް ކަނޑައަޅައި، އެ ސަރަހައްދުތަކާ ގުޅޭ އެންމެހައި ކަންކަމާއި މައްސަލަތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އުފެއްދެވި އިދާރާއެކެވެ. މި އޮފީހުން ރާއްޖޭގެ ސަރަހައްދީ ބައުންޑަރީއާ ގުޅޭގޮތުން އުފެދޭ ޚިލާފުތައް ހައްލުކުރުމުގައި ބައިނަލްއަގުވާމީ ފަރާތްތަކާއި ސަރުކާރުގެ އިދާރާތަކާއެކު އިސްވެ މަސައްކަތް ކުރާނެއެވެ. އަދި ރާއްޖޭގެ ރަސްމީ ބޭސްލައިންތަކާއި ބައުންޑަރީ މެޕްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަކީވެސް މި އޮފީހުގެ މުހިންމު ޒިންމާއެކެވެ.

ރައީސް އޮފީހުން ބުނީ މި ދެ އިދާރާގެ ޢަމަލީ މަސައްކަތްތައް މިއަހަރުގެ މެދުތެރޭގައި ފެށުމަށް ހަމަޖެހިފައި ވާކަމަށެވެ. މިކަމަށް ބޭނުންވާ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމާއި، ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރު ރައީސް އޮފީހުން ދަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު