މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މާލޭގައި ބިދޭސީއެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލި މައްސަލާގައި ތުހުމަތުކުރެވޭ މީހާ ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މިހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މި ހަމަލާ ދީފައިވަނީ މާލޭގެ ކަރަންކާ މަގުގައި އެމީހާ ހުއްޓައެވެ.

މި ހަމަލާގައި އަނިޔާވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށެވެ. މި ހަމަލާގެ ސަބަބުން އެމީހާގެ ކަރަށް ބޮޑެތި ޒަހަމްތަކެއް ލިބި، ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ރޭ ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 28 އަހަރުގެ އަންތަރު މުއްލާއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރު ކުރުމުން 7 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ މި ހަމަލާ ދޭން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބެލުމަށް މިހާރު ޚާއްޞަ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު