މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
ވައިގެމަގުން ރާއްޖެއަށް ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެ އަންހެނަކު ފުލުހުންގެ ބަންދަށް ގެންގޮސް، އެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. މުތީގެއާގެ، މާލެ، އުމުރުން 25 އަހަރުގެ އަލްޔާ ޝަރްސާ ނަސީރާއި، ކ. ތުލުސްދޫ، ބިޖިލީއުފާ، އުމުރުން 29 އަހަރުގެ އާމިނަތު ރޫނާއެވެ. މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކޮށް ވިއްކާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.

ފުލުހުން ބުނީ، އަލްޔާ ޝަރްސާ ނަސީރު ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އޭނާ ރާއްޖެ އެތެރެވި ވަގުތު ކަސްޓަމްސްއިން އޭނާ ހިފަހައްޓައި، ފުލުހުންނާ ހަވާލުކޮށްފައިވަނީ އޭނާގެ އަތުން މަސްތުވާތަކެތި ފެނުމާ ގުޅިގެންނެވެ.

މި މައްސަލައިގައި ދެން ހިމެނޭ އާމިނަތު ރޫނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެއިންނެވެ. އޭނާ ހައްޔަރުކުރީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ ހުކުރު ދުވަހުގެ ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން ވަނީ ތަހުގީގު މަރުހަލާ ނިމެންދެން ނުވަތަ ބަންދަށް ގޮތެއް ނިންމުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު