ކަސްޓަމްސުން އަތުލައިގަތް މަސްތުވާތަކެތި
ކަސްޓަމްސުން އަތުލައިގަތް މަސްތުވާތަކެތި
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު އެއް ކިލޯއަށްވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ، މި ތަކެތި އަތުލައިގެންފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މި މަހުގެ 22 ވަނަ ދުވަހު ކަމަށެވެ. މި ތަކެއްޗަކީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިން ކަމަށް ކަސްޓަމްސްއިން ވަނީ ކަށަވަރު ކޮށްދީފައެވެ.

މި މައްސަލައިގައި އަތުލައި ގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1150 ގުރާމު ހުރި ކަމަށާއި، މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 3.3 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.

މިދިޔަ މަހުގެ ފަހުކޮޅު ވެސް ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، މިކަން ހުއްޓުވުމަށްޓަކައި ދައުލަތުން ދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ރާއްޖެއަށް ބައެއް ބާވަތްތަކުގެ މަސްތުވާތަކެތި ވަކި މިންވަރަކަށް ވުރެ އިތުރަށް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް މިހާރު ވަނީ އިސްލާހު ގެނެސްފައެވެ.

ކަސްޓަމްސްއިން ބުނީ އަތުލައިގަތް މި ތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު