ސްޓެލްކޯ މުވައްޒަފުން ކޭބަލް މަރާމާތު ކުރަނީ- ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯ މުވައްޒަފުން ކޭބަލް މަރާމާތު ކުރަނީ- ފޮޓޯ: ސްޓެލްކޯ
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ކަރަންޓު ފޯރުކޮށްދޭ މައި ކޭބަލަކަށް ގެއްލުންވުމުގެ ސަބަބުން އެ ސަރަހައްދުގެ ގިނަ ޓަވަރުތަކަކުން މިއަދު އަނެއްކާވެސް ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މަގު ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެންނެވެ. މީގެ ސަބަބުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ އަދި ވިނަރެސް ފްލެޓްތަކުގެ އިތުރުން އެހެން ބައެއް އިމާރާތްތަކުން ވެސް ވަނީ ކަރަންޓު ކެނޑިފައެވެ.

ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިޔާ ޓަވަރު 5، 6، އަދި 7 ހިމެނެއެވެ. މީގެ އިތުރުން ވިނަރެސްގެ 10 ޓަވަރަކުންނާއި، އަމާންދޯދި 12، 13، 14، 15، 16 އަދި އަމާން އުދަރެސް 5 އަދި 6 އިން ވެސް ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި، ކޭބަލަށް ލިބުނު ގެއްލުން މަރާމާތުކޮށް، ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދިނުމަށް މަސައްކަތް މިހާރު އެކުންފުނީގެ ޓެކްނީޝަނުން ދަނީ ކުރަމުންނެވެ.

މިއީ މިމަހުގެ ތެރޭގައި ހުޅުމާލޭ ދެވަނަ ފިޔަވަހިން މިފަދަ ގޮތަކަށް ކަރަންޓު ކެނޑުނު ދެވަނަ ފަހަރެވެ. މި މަހުގެ 12 ވަނަ ދުވަހު ވެސް ދެވަނަ ފިޔަވަހީގެ ބޮޑު ބަޔަކުން ގިނަ ވަގުތުތަކަކަށް ކަރަންޓު ކެނޑިފައިވެއެވެ. އެފަހަރު ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވީ ދެވަނަ ފިޔަވައްސަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ކޭބަލްތަކުގެ ތެރެއިން މައި ކޭބަލަކަށް ގެއްލުންވުމާ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު