މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހިންގާފައިވާ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ގެއްލުނު ގިނަ އަދަދެއްގެ ފައިސާއާއި މުދާ ފުލުހުންގެ ހިދުމަތުން އަނބުރާ ހޯދައިފިއެވެ.

ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އޭޕްރީލް މަހުގެ 15 އިން 21 ވަނަ ދުވަހުގެ ނިޔަލަށް ހިންގި އެކި އޮޕަރޭޝަންތަކުގައި ޖުމްލަ 619,048 ރުފިޔާގެ މުދަލާއި ފައިސާ ވަނީ އަނބުރާ ހޯދާފައެވެ.

މި މުއްދަތުގެ ތެރޭގައި މާލޭގެ އެކި އަވަށްތަކުން ޖުމްލަ 335,338 ރުފިޔާ ހޯދާފައިވެއެވެ. އޭގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ތަކެތި ހޯދާފައިވަނީ ގަލޮޅު ފުލުހުންނެވެ. އެއީ 173,800 ރުފިޔާއެވެ. މީގެ އިތުރުން ހެންވޭރު ފުލުހުން 95,894 ރުފިޔާ ހޯދާފައިވާއިރު، މާފަންނު ފުލުހުން ވަނީ 65,644 ރުފިޔާގެ މުދަލާއި ފައިސާ ހޯދާފައެވެ.

ހުޅުމާލެ ސަރަހައްދަށް ބަލާއިރު، އެ ސަރަހައްދުގެ ދެ ފިޔަވަހިން ޖުމްލަ 283,710 ރުފިޔާގެ މުދަލާއި ފައިސާ ވަނީ ހޯދާފައެވެ. މީގެ ތެރޭގައި ހުޅުމާލެ ފުރަތަމަ ފިޔަވަހިން ހޯދި 181,910 ރުފިޔާއާއި ދެވަނަ ފިޔަވަހިން ހޯދި 101,800 ރުފިޔާ ހިމެނެއެވެ.

ފުލުހުން ބުނިގޮތުގައި މި ހުރިހާ ތަކެއްޗަކީވެސް ވައްކަމާއި ފޭރުމުގެ ތަފާތު މައްސަލަތަކުގައި ރައްޔިތުންގެ އަތުން

ނިގުޅައިގަނެފައިވާ ތަކެއްޗެވެ.



ކިޔުންތެރިންގެ ހިޔާލު