ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް-
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް-
ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން، ވަކި ޚާއްޞަ ޝަރުތުތަކަކާއެކު ދިރާސާކުރަންޖެހޭ ލިޔުންތައް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުގައި ބެލޭނެ އިންތިޒާމު އެ އޮފީހުން މިއަދު ރަސްމީކޮށް ހަމަޖައްސައިފިއެވެ.

މި އިންތިޒާމު ހަމަޖައްސާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަކާ ގުޅިގެން، ދިފާއީ ވަކީލުންނާއި ދައުވާލިބޭ ފަރާތްތަކަށް ލިޔުންތައް ދިރާސާކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ކަމަށް ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، މި ބަދަލު ގެނައީ ސުޕްރީމް ކޯޓުގެ ނަންބަރު 2026/09 ޤަޟިއްޔާގެ ނިންމުމަށް ރިއާޔަތްކޮށް ކަމަށެވެ. އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ، ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ހިމެނޭ ލިޔުންތައް ކޯޓުގައި ބަލައި ދިރާސާކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކޯޓުތަކަށް ދަތިވާ ހާލަތްތަކުގައި، ހަރުދަނާ އުސޫލުތަކެއްގެ ދަށުން ޕީޖީ އޮފީހުގައި ނުވަތަ ދައުލަތުގެ އެހެން އިދާރާއެއްގައި އެ ފުރުސަތު ދިނުމަށް އެންގުމުގެ އިހުތިޔާރު ފަނޑިޔާރުންނަށް ލިބިގެންވާ ކަމަށެވެ.

މި ނިންމުމާ އެއްގޮތަށް، 26 އެޕްރީލް 2026 އިން ފެށިގެން ޕީޖީ އޮފީހުގައި މި ޚިދުމަތް ރަސްމީކޮށް ދޭން ފަށާނެއެވެ. މިކަން ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރިއަށްގެންދިއުމަށްޓަކައި "ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ޝަރުތުތަކާއެކު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހެކިތައް ބަލައި ދިރާސާކުރުމުގެ ފުރުސަތު ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" ގެ ނަމުގައި މިހާރު ވަނީ ޚާއްޞަ އުސޫލެއް އެކުލަވާލާފައެވެ. މި އުސޫލުގެ ދަށުން، ކޯޓަކުން އަމުރުކޮށްފިނަމަ، ދައުވާލިބޭ ފަރާތަށް އެ އޮފީހުގެ ބެލުމުގެ ދަށުން ހެކިތައް ބަލައި ދިރާސާކުރުމުގެ ފުރުސަތު ފުރިހަމައަށް ލިބިގެންދާނެއެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، މި އިންތިޒާމުގެ ދަށުން ހެކި ބަލައި ދިރާސާކުރަން ބޭނުންވާ ފަރާތްތަކުން، އެކަމަށް ޚާއްޞަކޮށްފައިވާ ފޯމު ހުށަހަޅަންޖެހޭނެއެވެ. އެ ފޯމަކީ އެކުލަވާލާފައިވާ އުސޫލުގެ ޖަދުވަލު 1 ގައި ހިމެނޭ "ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހެކި ބަލައި ދިރާސާކުރުމަށް އެދި ހުށަހަޅާ ފޯމު" އެވެ. މި އުސޫލާއި ފޯމު މިހާރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

މި އައު އުސޫލުގެ ދަށުން ހެކިތައް ދިރާސާކުރުމުގެ ފުރުސަތު ދެވޭނީ ހަމައެކަނި ކޯޓު އަމުރުގައި ސަރީޙަކޮށް ބަޔާންކޮށްފައިވާ ހެކިތަކަށް އެކަނި ކަމަށް ޕީޖީ އޮފީހުން ތަފްސީލުކޮށްދެއެވެ. އަދި އެ މަސައްކަތް ކުރިއަށްދާނީ އެކަމަށްޓަކައި ޚާއްޞަ ކުރެވިފައިވާ ތަނެއްގައި، ކޯޓު އަމުރުގައި ކަނޑައަޅާފައިވާ މިންވަރަށާއި ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މިއީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ހެކި ރައްކާތެރިކުރުމުގެ މުހިންމުކަމާއި، ހަމައެއާއެކު ދައުވާލިބޭ ފަރާތުގެ ދިފާއަށް ލިބިދޭންޖެހޭ ގާނޫނީ ހައްގުތައް ކަށަވަރުކުރުމަށް އެޅުނު ވަރަށް މުހިންމު އަދި ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި ޕީޖީ އޮފީހުން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު