މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ރާއްޖޭގައި މަނާކޮށްފައިވާ މަސްތުވާ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ "މެތައިލްފެނިޑޭޓް" އެ ލިސްޓުން އުނިކޮށް، ރާއްޖޭގައި ބޭނުންކުރުން ހުއްދަކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ނިންމެވުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް އެ އިދާރާއަށް ސިޓީފުޅެއް ފޮނުއްވާފައެވެ. ރައީސް ފޮނުއްވި ސިޓީފުޅުގައި ބަޔާންކުރަށްވާފައިވަނީ، މި ބޭސް ރާއްޖޭގައި ހުއްދަކުރުމަށް ނިންމެވީ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ދީފައިވާ ލަފަޔަށް ވަޒީރުންގެ މަޖިލީހުގައި ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ.

މިހާތަނަށް ރާއްޖޭގައި މެތައިލްފެނިޑޭޓް ހިމަނާފައިވަނީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ، ރާއްޖެ އެތެރެކުރުން މަނާ މަސްތުވާ ބޭސްތަކުގެ ލިސްޓުގައެވެ. ޤާނޫނު ބުނާގޮތުން މި ލިސްޓަށް އެއްވެސް އުނި އިތުރެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ލަފަޔާއި ރުހުން ލިބިގެންނެވެ.

މެތައިލްފެނިޑޭޓްއަކީ، އިންސާނާގެ ނާރުތަކުގެ ނިޒާމަށް އަސަރުކުރުވާ ބާރުގަދަ ބޭހެކެވެ. ހަމައެއާއެކު ހިތުގެ މައްސަލަތަކާއި ސްޓްރޯކް ޖެހުންފަދަ ކަންކަމަކީ މި ބޭހުން ކުރާ ނުރަނގަޅު އަސަރުގެ ތެރޭގައި ފާހަގަކޮށްފައިވާ ކަންކަމެވެ.

މެތައިލްފެނިޑޭޓަކީ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ގޮތުގައި ބަލާ "އެޓެންޝަން ޑެފިސިޓް ހައިޕަރއެކްޓިވިޓީ ޑިސްއޯޑަރ" (އޭޑީއެޗްޑީ) ހުންނަ ފަރާތްތަކަށް ފަރުވާކުރުމަށް ބޭނުންކުރާ ބާރުގަދަ ބޭހެކެވެ. މިބޭސް ހުއްދަކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި، އެމެރިކާ ކެނެޑާ އަދި ޔޫރަޕްގެ ޤައުމުތަކާއި އޮސްޓްރޭލިއާ ހިމެނެއެވެ.

މިބޭސް މަނާކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ޖަޕާން ހިމެނެއެވެ. އެހެން ނަމަވެސް، ދެކުނު ކޮރެއާ އާއި ސިންގަޕޫރާއި ތައިލެންޑާއި މެދު އިރުމަތީގެ ޤައުމުތަކުގައި މިބޭހަކީ، ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައިވާ، ޑޮކްޓަރެއްގެ ޞައްޙަ ބޭސްސިޓީއާއެކު މެނުވީ ދޫކުރުން މަނާ ބޭހެކެވެ.



ކިޔުންތެރިންގެ ހިޔާލު