މިއީ އޭއައި އިން ހަދާފައިވާ ފޮޓޯއެއް| ރަސް އޮންލައިން
މިއީ އޭއައި އިން ހަދާފައިވާ ފޮޓޯއެއް| ރަސް އޮންލައިން
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ތަރުޖަމާނަކަށް، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު (ދިއްދޫ ވައްޑެ) ހަމަޖައްސަވައިފިއެވެ.

މިކަން ހާމަކުރައްވައި ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ޗެއާޕާސަން ކެމްޕޭންގެ ތަރުޖަމާނަކަށް އެޕާޓީގެ ގައުމީ މަޖިލީހުގެ ދިއްދޫ ދާއިރާގެ ރައީސް އަދި އެ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ވަހީދު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ މި މުހިންމު އިންތިޚާބުގައި ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމަށް ތިން ބޭފުޅަކު ވަނީ ކުރިމަތި ލައްވާފައެވެ. އެއީ ރައީސް ނަޝީދުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އަދި ލ. ފޮނަދޫއަށް ނިސްބަތްވާ އިބްރާހިމް މުހައްމަދު (ވާޑު) އެވެ.



މިހާތަނަށް ކެމްޕޭންގެ ފޯރި ހުރިގޮތަށް ބަލާއިރު، މި އިންތިޚާބުގައި އެންމެ ވާދަވެރިކޮށް ފެންނަނީ ރައީސް ނަޝީދާއި މީކާއިލް ނަސީމްގެ ކެމްޕޭން ހަރަކާތްތަކެވެ. ދެ ފަރާތުންވެސް އަންނަނީ ޕާޓީގެ އާންމު މެންބަރުންގެ ތާއީދު ހޯދުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންނެވެ.

މި އިންތިހާބު އޮންނާނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާޢީލް މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މި އިންތިޚާބުގައި ފައްޔާޒު ތާއީދު ކުރަށްވަނީ ރައީސް މުޙައްމަދު ނަޝީދަށެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިސް ބޭފުޅުން ތާއީދު ކުރަށްވަނީ މީކާއީލް އަޙްމަދު ނަސީމަށެވެ.



ކިޔުންތެރިންގެ ހިޔާލު