މޫސުން ގޯސް ދުވަހެއް-
މޫސުން ގޯސް ދުވަހެއް-
ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެ އިދާރާއިން މިފަދަ އިލްތިމާސެއް ނެރުނީ ރާއްޖޭގެ އިރުދެކުނުން ކޮޅިގަނޑެއް އަދި އިރުއުތުރުން ލޯޕްރެޝާ ޓްރަފެއް އުފެދިފައިވާތީ، ކުރިއަށް އޮތް ދުވަސްތަކުގައި ގަދަވަޔާއެކު ކަނޑުތައް ގަދަވެ ބޯކޮށް ވާރޭވެހޭނެ ކަމަށް ބެލެވޭތީއެވެ.

މޫސުން ގޯސްވާ ވަގުތުތަކުގައި ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި ދުރާލައި ފިޔަވަޅު އެޅުމަށް އެންޑީއެމްއޭއިން ވަނީ ބާރުއަޅާފައެވެ. އެގޮތުން ގެއަށް ފެން ނުވަންނާނެހެން ދުރާލައި ވެލި ބާސްތާ ފަދަ ތަކެތި ޖަހައި ރައްކާތެރިވުމަށާއި، ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ބެލެވޭނަމަ ދުރާލައި ފިޔަވަޅު އެޅުމަށް އެ އިދާރާއިން އިރުޝާދު ދެއެވެ. މީގެ އިތުރުން ގަދަ ވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ރައްކާތެރިކުރުމާއި، ބޭނުން ނުކުރާ ވަގުތުތަކުގައި ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުމަކީ މުހިންމު ކަމެއް ކަމުގައި އެ އޮތޯރިޓީން ފާހަގަކުރެއެވެ.

ކަނޑުދަތުރުކުރާ ފަރާތްތަކަށް އިލްތިމާސްކުރަމުން އެންޑީއެމްއޭއިން ބުނެފައިވަނީ ދަތުރަށް ނުކުތުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ސަލާމަތީ ވަސީލަތްތަކާއި މުއާސަލާތީ ނިޒާމުތައް ފުރިހަމައަށް ހުރިކަން ޔަގީންކުރުމަށެވެ. އަދި ވިއްސާރައިގެ ސަބަބުން ދަތުރުފަތުރަށް ބުރޫއަރާފާނެތީ ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލައި ތައްޔާރުވެ ތިބުމަށްވެސް އެ އިދާރާއިން ވަނީ އެދިފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ އަދި ކޮޅިގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެއެވެ.

މޫސުން ގޯސްވާ މި ދަނޑިވަޅުގައި އާންމު ރައްޔިތުންނާއި، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު