ކައިވެނިކުރިތާ ތިން މަސްނުވާ އަންހެނަކު ކުއްލި ގޮތަކަށް މަރުވި ހާދިސާއެއް
ކައިވެނިކުރިތާ ތިން މަސްނުވާ އަންހެނަކު ކުއްލި ގޮތަކަށް މަރުވި ހާދިސާއެއް
އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ގްރޭޓަރ ނޮއިޑާގައި، ކައިވެނިކުރިތާ ތިން މަސްނުވާ އަންހެނަކު ކުއްލި ގޮތަކަށް މަރުވި ހާދިސާއެއްގައި، އެއީ އޭނާގެ މިލްކިއްޔާތުގައި ހުރި އަގުބޮޑު މުދާތަކެއް އަތުލުމަށް ފިރިމީހާ އާއި އޭނާގެ އާއިލާއިން ހިންގި މަރުގެ އަމަލެއް ކަމަށް މަރުވި އަންހެން މީހާގެ އާއިލާއިން ތުހުމަތުކޮށްފިއެވެ.

އުމުރުން 22 އަހަރުގެ މޮނިކާ ނާގަރް މަރުވެފައިވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަނޫޖް ޗައުހާންއާ ކޯޓުގައި ކައިވެނިކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. މޮނިކާގެ އާއިލާއިން ބުނާ ގޮތުގައި، މި ކައިވެންޏަކީ މޮނިކާގެ ނަމުގައި ހުރި އެތައް ކްރޯޑް ރުޕީސްއެއްގެ އަގުހުރި ބިންތަކާއި މުދާ އަތުލުމަށް ރޭވުމެއްގެ ދަށުން ކުރި ކައިވެންޏެކެވެ.

މޮނިކާގެ އާއިލާއިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ކައިވެންޏަށް ދެ މަސްވީތަނާހެން މޮނިކާއަށް އޭނާގެ ފިރިމީހާގެ ފަރާތުންނާއި ފިރިމީހާގެ އާއިލާގެ ފަރާތުން އަނިޔާ އާއި ކުރިމަތިލާން ޖެހުނު ކަމަށެވެ.

އަދި މަރުވި ދުވަހުގެ މެންދުރުގެ ވަގުތެއްގައި މޮނިކާ އޭނާގެ އާއިލާއަށް ގުޅައި، ފިރިމީހާ އާއި އޭނާގެ އާއިލާއިން މޮނިކާއަށް އަނިޔާކުރަމުންދާ ކަމަށާއި، ބިންތައް އެމީހުންގެ ނަމަށް ބަދަލުނުކޮށްފިނަމަ މަރާލާނެ ކަމުގެ އިންޒާރު ދެމުންދާ ކަމަށް ބުނެފައިވާ ކަމަށް އާއިލާއިން ބުނެއެވެ.

މި ޚަބަރު ލިބުމާއެކު މޮނިކާގެ މަންމަ އެގެއަށް ދިޔައިރު، ފެނުނީ މޮނިކާގެ ހަށިގަނޑު ކާރަކަށް އަރުވައިގެން ފިރިމީހާ އާއި އޭނާގެ އާއިލާއިން ހޮސްޕިޓަލަށް ގެންދަން އުޅުނު މަންޒަރު ކަމަށާއި، އެވަގުތު މޮނިކާގެ މަންމައަށްވެސް އެމީހުން ހަމަލާދީފައިވާ ކަމަށް އާއިލާއިން ތުހުމަތުކުރެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ އިހުމާލު އޮތް ކަމަށްވެސް އާއިލާއިން ތުހުމަތުކުރެއެވެ. އެގޮތުން ހާދިސާ ހިނގިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި މޮނިކާގެ ހަށިގަނޑު އަންދާލާފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށާއި، މަރުވި ސަބަބު ދެނެގަތުމަށް އެކަށީގެންވާ މަސައްކަތެއް ފުލުހުން ނުކުރާ ކަމަށް އާއިލާއިން ބުނެއެވެ.

މި މައްސަލާގައި ތުހުމަތުކުރެވޭ އެންމެން މިހާރު ފިލާފައިވާއިރު، އުއްތަރު ޕްރަދޭޝްގެ މުޗް މިނިސްޓަރު ޔޯގީ އަދިތްޔަނާތު މިކަމަށް އިންސާފު ހޯއްދަވައިދެއްވުމަށް އާއިލާއިން ވަނީ ގޮވާލާފައެވެ. ދާދްރީ ފުލުހުން ބުނެފައިވަނީ މި މައްސަލަ ރަޖިސްޓްރީކޮށް، ތުހުމަތުކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު