ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްލާމާޢީލް ޒަރިއަންދާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް
ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްލާމާޢީލް ޒަރިއަންދާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް
ކޮންޓިންޖެންސީ ބަޖެޓުން ޚަރަދު ކުރުމުގެ މައްސަލާގައި، ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްލާމާޢީލް ޒަރިއަންދާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް، ރޮޒޭއާއި އިބްރާހީމް ރަޝީދު، ބޮންޑޭއާއި ދެމެދު ހޫނު ބަހުސެއް ހިނގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރެވެން ފަށައިފިއެވެ.

ކޮންޓިންޖެންސީ ބަޖެޓުން ހޭދަކުރެވޭނީ މަޖިލީހުން ހުއްދަ ލިބިގެން ކަމަށް ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި ރޮޒޭ ވަނީ ޒަރިޔަންދު ގެ މިވާހަކަ ތަކުގެ މަޤްސަދަކީ ފިތުނަ އުފެއްދުން ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު އިންނެވި ބޭފުޅެއް ކަމަށާއި އެހެންކަމުން ކޮންޓިންޖެންސީ ބަޖެޓުން ހޭދަކުރެވޭނެ ގޮތް އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށް ރޮޒޭގެ ޓްވީޓްގައިވެއެވެ.

މީގެ އިތުރުން ގާނޫނާއި ހިލާފު އެއްވެސް ކަމެއް ރައީސް ޞާލިހު ނުކުރައްވާނެ ކަމަށާއި، ކޮންޓިންޖެންސީ ބަޖެޓުން ހޭދަކުރަނީ އުސޫލުން ބޭރުން ކަމަށް ވިދާޅުވަނީ ފިތުނަ އުފެއްދުމަށް ކަމަށްވެސް ރޮޒޭ ވިދާޅުވެފައި ވެއެވެ.

"ކަމަނާ ވިދާޅުނުވެ އޮވެދާނެތީ ޤާނޫނު އަސާސީގެ 96 ވަނަ މާއްދާ ތިރީގައި ހިމަނާލިން. އޭގައި ސީދާ ގޮތުގައި ބަޔާންކޮށްފައިވާނީ، ފައިނޭންސް މިނިސްޓަރ. މިތަނަށް ކޮންމެހެން ރައީސުލް ޖުމްހޫރިއްޔާ ލައިގެން ކަންބޮޑުކުރައްވަން އުޅުއްވާނެ ކަމެއް ނެތް. އެމާއްދާގެ (ނ) ވިދާޅުވޭ." ރޮޒޭގެ ޓްވީޓަށް ދެއްވި ރައްދެއްގައި ޒަރިޔަންދު ވިދާޅުވިއެވެ. ރޮޒޭއަށް ޖަވާބު ދެއްވަމުން ޒަރިޔަންދު ވިދާޅުވީ އެކަމާގުޅިގެން ޓްވީޓް ކުރެއްވީ މަޖިލީހުގެ މެންބަރުންގެ ސަމާލުކަމަށް އެމައްސަ ގެންނެވުމަށް ބޭނުންވާތީ ކަމަށެވެ.

މި ބަހުސްގެ ތެރެއަށް ވަދެވަޑައިގެން މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ ޒަރިޔަންދުގެ ދިފާޢުގައި ވާހަކަ ދައްކަވާފައެވެ. ބޮންޑޭ ވިދާޅުވީ، މެދު ނުކެނޑި ސޯޅަ އަހަރު ދަޢުލަތުގެ މާލިއްޔަތު ޤަވާއިދު ހަދާ ކޮމިޓީގެ މެމްބަރުކަން ކުރެއްވި ޒަރިޔަންދަށް ޤަވާއިދު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ކޮންޓިންޖެންސީ ބަޖެޓަކީ އަހަރީ ބަޖެޓުގައިވާ ކަންކަމުގެ ތެރެއިން އިތުރަށް ހަރަދުކުރަން ޖެހިދާނެ ކަމަށް ބަހައްޓާ މިންވަރެކެވެ. ޒަރިޔަންދުގެ މި ވާހަކަތައް ފެންމަތިވެފައި މިވަނީ މިހާރު އިޢުލާން ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ބަޖެޓުން ބޮޑެތި ޚަރަދުތައް ކުރަމުން ގެންދާ މައްސަލައަށް އަމާޒު ކުރައްވައިގެން ކަމަށް ބެލެވެއެވެ. އެގޮތުން ކޯވިޑް-19 އާއި ގުޅިގެން ހުޅުމާލޭގައި ހަދަން ފަށާފައިވާ ޢިމާރާތެއްގައި 40 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ބޮޑު ހޮސްޕިޓަލެއް ހެދުމުގެ މަސައްކަތް ކުރަމުން ގެންދާތީ ވަރަށް ގިނަ ބަޔަކު ދަނީ އެކަމާ ފާޑު ކިޔަމުންނެވެ. ވަގުތީ ބޭނުމަކަށް ބޮޑު ހޭދަކޮށްގެން ހޮސްޕިޓަލެއް ހަދަމުން ގެންދާއިރު އެ ޢިމާރާތުގެ ކުރިމަތީގައި ހުރި ޓްރީ ޓޮޕް ހޮސްޕިޓަލް، ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ބޭނުން ކުރަން މުޅިން ހިލޭ ދޭ ގޮތަށް އެހޮސްޕިޓަލް ހިންގާ ގްރޫޕުން ވަނީ ނިންމާފައެވެ.

މިކަމާއި ގުޅިގެން ޒަރިޔަންދު މިއަދު ކުރެއްވި ޓްވީޓެއްގައި ވެރިކަން ބަދަލުވުމުން ބަސްމަގު ބަދަލުކުރަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ވިދާޅުވެ އިތުރު ބަހުގެ ހަމަލާއެއް ދެއްވާފައި ވެއެވެ.

ޒަރިޔަންދު ކުރަށްވާފައިވާ މި ޓްވީޓްގައި ވިދާޅުވެފައިވަނީ، ނިމިދިޔަ ވެރިކަމުގެ ދައުރުވެސް ނިމިގެންދިޔައީ ވެސް ދައުލަތުގެ މާލީ ކަންކަމާއިމެދު ޚިޔާލުފާޅުކުރުމާއި ކޮރަޕްޝަނާއި ޚިޔާނާތާއިދެކޮޅަށް ވަކާލާތު ކުރުމުގައި އުޅެނިކޮށް ކަމަށެވެ. އެހެންކަމުން ވެރިކަން ބަދަލުވުމުން ބަސްމަގު ބަދަލު ކުރަންޖެހޭ ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޒަރިޔަންދު ވިދާޅުވީ ތެދުވެރިކަމާއި އިންސާފަށް ލޯބިކުރުމުން ދެވޭނޭ ދެރައެއް ނޯންނާނެ ކަމަށެވެ.

ޒަރިޔަންދު މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ އެމްޑީޕީގެ ބައެއް ފަރާތްތަކަށް ނުސީދާކޮށް ފާޑުވިދާޅުވެފައެވެ. އެގޮތުން އޭނާ ވިދާޅުވީ، "އެ ވިދާޅުވާ ވިޔަފާރި ކޮމިޔުނިޓީ އަކީ 2008 ގެ އިންތިޚާބަށް އައިއިރު "ރައީސް ނަޝީދު" އަށް 10 ވޯޓުވެސް ނުލިބޭނެއޭ ކިޔައި "ރަތް ޓައީ" އަޅައިގެން މާރޗްކޮށްފައި ޕާރޓީ ބަދަލުކޮށް، 2008 ގެ އިންތިޚާބު ލިބުމުން ކުލަބަދަލުކޮށްލި" ބައެއް ކަމަށެވެ. އެހެންކަމުން އެމީހުންގެ މަޤްސަދާމެދު ޒަރިޔަންދު ވަނީ ސުވާލު އުފައްދަވާފައެވެ. ނަމަވެސް އެ އިޝާރާތް ކުރަންވަނީ ސީދާ ކޮން ބަޔަކަށް ކަމެއް ޒަރިޔަންދު ވިދާޅެއް ނުވެއެވެ.

ޓެންޑަރ ބޯޑުގެ ޗެއާމަންކަމަށް ޢައްޔަން ކުރެއްވި ފަހުން ޒަރިޔަންދު ގެންދަވަނީ ދަޢުލަތުގެ މާލިއްޔަތުގެ ނިޒާމް ހަރުދަނާ ކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާމެދު އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ޓްވިޓަރ މެދުވެރިކޮށް ގިނަ މެސެޖްތަކެއް ދެއްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


7

ޙުސައިން

13-Apr-2020

ރޮޒޭ ކަލެއަކީ މަހުލޫފް ގެ ވަގު ބިޓެއް


0

ދެން އެމީހަކު

13-Apr-2020

ސާބަސް ޒަރިއަންދުހޮއްކޯ ތީ ފިރިހެނެއް. ދެންވާގޮތް ބަލަން ތިބެމާ... އޮޑީގަ ހުރިވަރެއް އެނގޭނީ ހުޅަނގު މޫސުމުގައި.....



ޓްރެންޑިން