ރާއްޖޭގެ އިގްތިސާދަށް އަންނަ ކުރިއެރުމާއެކު، އަމިއްލަ ދާއިރާ ނުވަތަ ޕްރައިވެޓް ސެކްޓާގެ ތެރެއިން ވަޒީފާގެ ބާޒާރު ފުޅާވެ، އައު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕްރައިވެޓް ސެކްޓާގައި ވަޒީފާ އުފެއްދުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ވަޒީފާގެ ބާޒާރަކީ އަބަދުވެސް ވާދަވެރި ދާއިރާއެއް ކަމަށާއި، ސަރުކާރުގެ އަމާޒަކީ ވިޔަފާރިކުރުން ފަސޭހަކޮށްދީ، އައު އިންވެސްޓްމެންޓްތަކާއި މަޝްރޫއުތައް ރާއްޖެއަށް ގެނައުން ކަމަށެވެ.

މިނިސްޓަރު ސައީދު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު "ޑްރައިވާ" އަކީ ފަތުރުވެރިކަމެވެ. ކުރިން ރިސޯޓުތަކުގެ ގޮތުގައި ހުރި މަޝްރޫއުތައް މިހާރު ބޮޑެތި "ސަސްޓެއިނަބަލް ޓައުންޝިޕް" ފަދަ ބޮޑެތި ސްކޭލްގެ މަޝްރޫއުތަކަށް ބަދަލުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އަދި ހަލުވިކަމާއެކު ކުރިއަރަމުންދާ ކޮންސްޓްރަކްޝަން ދާއިރާއަކީ ވަޒީފާގެ ގިނަ ފުރުސަތުތަކެއް އޮތް ދާއިރާތަކެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.

"އިގްތިސާދު 5 ނުވަތަ 6 އިންސައްތައިގައި ކުރިއަރާ ކަމަށްވަންޏާ، އެމްޕްލޯއިމެންޓްވެސް ޕްރޮގްރެސިވްކޮށް ކުރިއަރާނެ. ދުނިޔޭގެ ކްރައިސިސްތަކާ ހެދި ގޮންޖެހުންތަކެއް ހުއްޓަސް، ކުރިއެރުން ލިބޭ މިންވަރަކުން ވަޒީފާވެސް އިތުރުވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ދިވެހިންނަށް ހާއްސަ ވަޒީފާތަކެއް ކަނޑައަޅައި، ދިވެހިން ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުވުމަށް ކަމަށެވެ. މިގޮތުން މަތީ ތައުލީމާއި ހުނަރު ތަރައްގީކުރުން އެއްކޮށްލައިގެން، ތައުލީމީ ނިޒާމުން ނުކުންނަ ކުދިންނަކީ ވަޒީފާއަށް ތައްޔާރުވެފައިވާ ބަޔަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ސިވިލް ސާވިސްގެ އިތުރުން ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރިތަކަކީވެސް ވަޒީފާގެ ބާޒާރުގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާތަކެއް ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ އައު ވިޔަފާރިތަކަށް ޖާގަދީ، އައު ފުރުސަތުތައް ފަހިކޮށްދީގެން ވަޒީފާގެ ބާޒާރު މުއްސަނދިކުރުމަށް ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު