އިންތިޚާބެއްގެ ވޯޓުލުން ކުރިޔަށްދަނީ
އިންތިޚާބެއްގެ ވޯޓުލުން ކުރިޔަށްދަނީ
ދ. މީދޫ ކައުންސިލްގެ ރައީސް ކަނޑައެޅުމަށް ބޭއްވި އިންތިޚާބުގައި ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމާ ގުޅިގެން، އެ މަގާމަށް މީހަކު ހޮވުމަށް އަލުން ވޯޓު ނަގަން ޖެހިއްޖެއެވެ.

ހައިކޯޓުން މިއަދު ވަނީ، އިލެކްޝަންސް ކޮމިޝަނުން ކުރިން ބާތިލުކުރި އެދާއިރާގެ ވޯޓު ކަރުދާހެއް ސައްހަ ކަމަށް ކަނޑައަޅައިފައެވެ. މީދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރެއްވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް ސުހާ އިބްރާހިމް އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ކެންޑިޑޭޓް މުހައްމަދު ޝާހިދެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ އިއުލާންކުރި ނަތީޖާ ދައްކާގޮތުން، 393 ވޯޓު ހޯއްދަވައިގެން ކުރި ހޯއްދެވީ ސުހާ އިބްރާހިމެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި މުހައްމަދު ޝާހިދަށް ލިބިވަޑައިގަތީ 392 ވޯޓެވެ. ނަމަވެސް، މި ނަތީޖާއާ ގުޅިގެން ދެ ފަރާތުން ވެސް ކޮމިޝަނަށް ޝަކުވާ ހުށަހެޅިއެވެ.

އެމްޑީއޭގެ ފަރާތުން ހުށަހެޅި ޝަކުވާގައި ބުނެފައިވަނީ ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަކަށް ވޯޓުލުމުގެ ހައްގު ނެތް މީހަކު ވޯޓުލާފައިވާ ކަމަށެވެ. ހަމައެއާއެކު، ޝާހިދަށް ލިބުނު ވޯޓެއް ބާތިލުކަމަށް ބުނެ ސުހާ ވެސް ޝަކުވާ ހުށަހެޅުއްވިއެވެ. މި ޝަކުވާތައް ތަހުގީގު ކުރުމަށްފަހު، ކޮމިޝަނުން ނަތީޖާ ބަދަލުކޮށް ޝާހިދު މޮޅުވިކަމަށް އިއުލާންކުރިއެވެ.

ނަމަވެސް، ސުހާގެ ވޯޓު ކަރުދާހެއްގައި އިތުރު ފާހަގައެއް ހުރިކަމަށް ބުނެ އެ ކަރުދާސް ބާތިލުކުރި މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ފަނޑިޔާރުން ވަނީ ސުހާ އެދިފައިވާ ގޮތަށް ބާތިލު ބަންޑަލީގެ 17 ވަނަ ވޯޓަކީ ސައްޙަ ވޯޓެއްކަމަށް ކަނޑައަޅުއްވާފައެވެ. އެހެންވެ އޭނާއާ އެމްޑީއޭގެ ކެންޑިޑޭޓުގެ ވޯޓުގެ ނަތީޖާ ވަނީ އެއްވަރުވެފައެވެ. އެހެންކަމުން އިންތިޚާބުގެ ރަސްމީ ނަތީޖާ އަލުން އިސްލާހުކޮށް އިއުލާނު ކުރުމަށް ކޯޓުން ވަނީ އަންގާފައެވެ.

މި މައްސަލަ ބެއްލެވީ ހައި ކޯޓުގެ ފަނޑިޔާރު އިސްމާއީލް ޝަފީއު، އިސް ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ، އަދި ފަނޑިޔާރު ހަސަން ޝަފީއު ހިމެނޭ ބެންޗުންނެވެ.

ހައިކޯޓުގެ މި ނިންމުމާއެކު ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު ވަނީ 392 އިން އެއްވަރުވެފައެވެ. އިންތިޚާބާބެހޭ ގާނޫނުތަކުގައި ބުނާގޮތުން، އިންތިޚާބެއްގައި ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވެއްޖެނަމަ، އެ މަގާމަށް މީހަކު ހޮވުމަށްޓަކައި އަލުން ވޯޓު ނަގަން ޖެހޭނެއެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި އިލެކްޝަންސް ކޮމިޝަނުން މި މަގާމަށް މީހަކު ހޮވުމަށް އަލުން ވޯޓުލުން ބާއްވާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު