މިއީ އޭއި ބޭނުންކޮށްގެން ބަދަލު ގެނެސްފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މިއީ އޭއި ބޭނުންކޮށްގެން ބަދަލު ގެނެސްފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ފެނަކަ ކޯޕަރޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އާދަމް ތައުފީގު އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާދަމް ތައުފީގު މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ކަންކަމަށް ވަގުތު ހުސްކުރެއްވުމުގެ ގޮތުންނެވެ. އޭނާ ފެނަކައިގެ ޑީއެމްޑީގެ މަގާމަށް އައްޔަންކުރެއްވީ 23 ސެޕްޓެމްބަރު 2025 ގައެވެ. އާދަމް ތައުފީގަކީ މީގެ ކުރިން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރެއްވި ބޭފުޅެކެވެ.

ފެނަކައިގެ މަތީ ފަޑިއަށް މި ފަހަކަށް އައިސް ބޮޑެތި ބަދަލުތަކެއް އައިސްފައިވަނީ މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނު ނަތީޖާއަށް ފަހުގައެވެ. އެގޮތުން، އޭޕްރިލް މަހުގެ 6 ވަނަ ދުވަހު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ނަޖާހު ވަނީ މަގާމުން ވަކިކޮށްފައެވެ.

އޭގެ ފަހުން، އޭޕްރިލް 7 ވަނަ ދުވަހު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފް އާއި ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ޖިހާދު ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. ނަޖާހު މަގާމުން ވަކިކުރުމާ ގުޅިގެން، އާ އެމްޑީއެއް އައްޔަން ކުރަންދެން ކުންފުނި ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ އާދަމް ތައުފީގެވެ.

ފެނަކައިގެ އާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު އަފީފް އައްޔަންކުރެއްވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އަފީފަކީ މި ސަރުކާރުގައި އެ ކުންފުންޏާ ހަވާލުވި ތިންވަނަ މެނޭޖިން ޑިރެކްޓަރެވެ.

ތައުފީގު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އިދާރީ ގިނަ ބަދަލުތަކެއް ގެންނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު