މުޅި ދުނިޔޭގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުން ދިޔުމާއެކު، ދުނިޔޭގައި ކާބޯތަކެތީގެ ދަތިކަމަކާއި ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު އޮތުމުން، ރޫމޭނިއާގައި އުފައްދާ ދަނޑު ގޮވާމުގެ ބާވަތްތަށް ގައުމުން ބޭރުކުރުން އެގައުމުގެ ސަރުކާރުން މަނާކޮށްފިއެވެ.

މިއީ ގައުމަކުން ގޮވާމުގެ ބާވަތްތަށް ބޭރުކުރުން މަނާކުރި ފުރަތަމަ ފަހަރު ކަމުގައިވާއިރު، ރޫމޭނިއާގެ ސަރުކާރުން ބުނެފައިވަނީ ބޭރުގެ އެއްވެސް ގައުމަކަށް އެގައުމުން ގޮވާމުގެ ބާވަތްތައް ބޭރުކޮށް ނުދޭނެކަމަށާއި، މިކަން އަންނަ މެއި މަހުގެ މެދަކާއި ހަމައަށް ދެމި އޮންނާނެކަމަށެވެ.

ރޫމޭނިއާގެ ބޮޑުވަޒީރު ލޫޑޯވިޗް އޯރބަން ވިދާޅުވީ ދަނޑުވެރިންގެ ދަހިވެތިކަމުގެ ސަބަބުން އެ ގައުމުގެ މީހުން ބަނޑަށް ޖެހުނަ ނުދެއްވާނެކަމަށާއި، އެތަކެތި ގައުމުން ބޭރުކުރަން މަސައްކަތް ކުރާނަމަ ސަރުކާރުން ހިފަހަށްޓާނެކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވާއިރު ރޫމޭނިއާއަކީ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނައިން ދަނޑުގޮވާމުގެ މަސައްކަތްކުރާ ގައުމެވެ.

ރޫމޭނިއާއިން ބުނީ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ގޮވާމުގެ ބާވަތްތައް ދޭނެ ކަމަށެވެ. ނަމަވެސް އެ ތަކެއްޗަކީ އެހެން ގައުމަކަށް އެކްސްޕޯޓުކުރަން ގަންނަ ތަކެތި ނޫންކަން އަންގާ ލިޔުމެއްގައި ކޮންމެ ގައުމަކުން ވެސް ސޮއިކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ރޫމޭނިއާގެ މި ނިންމުމަށް އެހެން ގައުމުތަކުން ފާޑުކިޔަމުންދާއިރު، ގިނަ ފަރާތްތަކަކުން ބުނަމުންދަނީ މިއީ ކާބޯތަކެތި ގުދަންކުރުމުގެ އުސޫލުން ކުރާ ކަމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން