ޗައިނާge "އޭ-އައި" ހަނގުރާމަވެރި ރޮބޮޓް ލަޝްކަރެއް ބިނާކުރުމަށަނީ
ޗައިނާge "އޭ-އައި" ހަނގުރާމަވެރި ރޮބޮޓް ލަޝްކަރެއް ބިނާކުރުމަށަނީ
ޗައިނާއިން ދަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާ އަސްކަރީ ރޮބޮޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދަމުންނެވެ. މިއީ ޑްރޯން އީޖާދުކުރި ފަހުން ޒަމާނީ ހަނގުރާމައިގެ މައިދާނަށް އަންނާނެ އެންމެ ބޮޑު އެއް ބަދަލު ކަމުގައި ބެލެވެއެވެ. އަމިއްލައަށް ދަތުރުކުރާ ޓޭންކުތަކާއި، ރޮބޮޓް ކުއްތާތަކުގެ އިތުރުން، އޭއައިގެ އެހީގައި މަސައްކަތްކުރާ ޑްރޯންތަކާއި ކަނޑުއަޑީގެ އުޅަނދުތައް އުފެއްދުމަށް ބެއިޖިންގްއިން ދަނީ ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ. މި ތަކެއްޗަކީ ސިފައިންނާ އެކު ނުވަތަ ސިފައިންގެ ބަދަލުގައި ހަނގުރާމައިގެ ކުރިމަގުގައި ބޭނުންކުރުމަށް ފަރުމާކުރަމުންދާ ވަސީލަތްތަކެކެވެ.

މި މަސައްކަތުގެ މައިގަނޑު އަސާސަކީ، ކުރިމަގުގެ ހަނގުރާމަތައް ކާމިޔާބު ކުރެވޭނީ ހަމައެކަނި ސިފައިންގެ އަދަދުން ނުވަތަ އާދަޔާޚިލާފު ހަތިޔާރުން ނޫން ކަމަށާއި އެކަމަކު އެއީ މައުލޫމާތާއި، އޮޓޮމޭޝަނާއި، އަދި މެޝިން އިންޓެލިޖެންސްގެ އެހީގައި ކަމަށް ޗައިނާއިން ޤަބޫލުކުރާތީއެވެ. ޗައިނާގެ އަސްކަރީ މާހިރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އޭއައި އަކީ ދުނިޔޭގެ ބާރުގެ މިޒާން ބަދަލުކޮށްލުމުގެ ޤާބިލުކަން ލިބިފައިވާ "ސްޓްރެޓީޖިކް ޓެކްނޮލޮޖީ" އެއް ކަމަށެވެ.

ވޭތުވެދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި، ޗައިނާގެ ދައުލަތުގެ ދިފާއީ ކުންފުނިތަކާއި ޓެކްނޮލޮޖީ ކުންފުނިތަކުން ވަނީ ތަފާތު ބާވަތްތަކުގެ ރޮބޮޓިކް ހަނގުރާމަވެރި ނިޒާމުތަކެއް ދައްކާލާފައެވެ. މީގެ ތެރޭގައި ބަޑި ހަރުކޮށްފައިވާ، ކުއްތާއާ ވައްތަރުގެ ހަތަރު ފައިޖެހި ރޮބޮޓްތަކާއި، އެކަތިގަނޑެއްގެ ގޮތުގައި ގުޅިގެން ހަމަލާދިނުމުގެ ޤާބިލުކަން ލިބިފައިވާ ޑްރޯން އައިންތަކާއި ރަށްފުށުގެ ހަނގުރާމަތަކަށް ޚާއްޞަ ރޮބޮޓް އުޅަނދުތަކުގެ އިތުރުން، ވަގުތުން ވަގުތަށް އަމާޒުތައް ދެނެގަނެ ފާރަލާ އޭއައި ނިޒާމުތައް ހިމެނެއެވެ.

މިކަމުގައި އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ "ސްވޯމް ވޯފެއާ" ނުވަތަ ބައިގަނޑެއްގެ ގޮތުގައި ހަމަލާދިނުމުގެ އުކުޅަށެވެ. ޗައިނާގެ ދިރާސާވެރިން ދަނީ އަމިއްލައަށް މުއާމަލާތުކޮށް، ދުޝްމަނުންގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލެވޭ ފަދަ އަގުހެޔޮ ޑްރޯންތަކެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އަސްކަރީ މާހިރުން ވިދާޅުވާ ގޮތުގައި، މިފަދަ ޑްރޯން ބައިގަނޑުތައް ޖާސޫސްކުރުމަށާއި، އިލެކްޓްރޯނިކް ހަނގުރާމަތަކަށް ނުވަތަ މަނަވަރުތަކާއި ހަނގުރާމަވެރި އުޅަނދުތަކަށް ސީދާ ހަމަލާދިނުމަށް ބޭނުންކުރެވިދާނެއެވެ.

މީގެ އިތުރުން، ސިފައިންނާއި ރޮބޮޓްތައް ގުޅިގެން މަސައްކަތްކުރާ "ހިއުމަން-މެޝިން ޓީމިންގް" ގެ ތަޖުރިބާތައް ވެސް ޗައިނާއިން ދަނީ ކުރަމުންނެވެ. ދައުލަތުގެ މީޑިއާތަކުން ދައްކާފައިވާ ތަމްރީނުތަކުގައި، ސިފައިން ބަޑި ހަރުކޮށްފައިވާ ރޮބޮޓް ކުއްތާތައް އޮޕަރޭޓްކުރާ މަންޒަރާއި، ނުރައްކާތެރި ސަރަޙައްދުތައް ބަލާލުމަށާއި މުދާ އުފުލުމަށް އޮޓޮމެޓިކް އުޅަނދުތައް ބޭނުންކުރާ މަންޒަރު ފެނިގެން ގޮސްފައިވެއެވެ.

ޕީޕަލްސް ލިބަރޭޝަން އާމީ (ޕީ.އެލް.އޭ) އިން ދެކޭގޮތުގައި އޭއައިގެ ސަބަބުން ހަނގުރާމައިގެ މައިދާނުގައި ނިންމުންތައް ނިންމުމުގެ ދުވެލި އަވަސްވެގެންދާނެއެވެ. ސެޓެލައިޓްތަކާއި، ސެންސަރުތަކާއި، އަދި މުއާމަލާތީ ނެޓްވޯކްތަކުން ލިބޭ ބޮޑެތި މައުލޫމާތުތައް އިންސާނުންނަށްވުރެ މާ އަވަހަށް އޭއައި އެލްގޮރިދަމްތަކަށް ދެނެގަނެވޭނެއެވެ. މީގެ ސަބަބުން ކަނޑާއި، އެއްގަމާއި، ވައިގެ އިތުރުން ސައިބަރ ޖައްވުގައި ކުރެވޭ ހަނގުރާމަތައް އެއްފަހަރާ ވިލަރެސްކުރުމަށް ކޮމާންޑަރުންނަށް ފަސޭހަވެގެންދާނެ ކަމަށް މިކަމަށް ތާއީދުކުރާ ފަރާތްތަކުން ބުނެއެވެ.

ނަމަވެސް، އަމިއްލައަށް މަސައްކަތްކުރާ މިފަދަ ހަތިޔާރުތައް އިތުރުވުމަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ކަންބޮޑުވުން އުފެދިފައިވާ ކަމެކެވެ. ފާޑުކިޔާ ފަރާތްތަކުން އިންޒާރުދޭ ގޮތުގައި، މީހުން މެރުމުގެ ނިންމުންތައް ނިންމުމުގެ ބާރު މެޝިންތަކަށް ދިނުމަކީ ނުރައްކާތެރި ކަމެކެވެ. މީގެ ސަބަބުން އޮޅުމަކުން ބޮޑެތި ކުރިމަތިލުންތައް ހިނގުމާއި، ހަނގުރާމަތައް ކޮންޓްރޯލުން ނެއްޓުމުގެ ފުރުސަތު ބޮޑެވެ. އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ މިފަދަ ހަތިޔާރުތައް އާންމުވުމުގެ ކުރިން ބައިނަލްއަޤުވާމީ ގާނޫނުތަކެއް ހެދުމަށް ގޮވާލަމުންނެވެ.

އެމެރިކާއާއި އެހެނިހެން ބައެއް ޤައުމުތަކުން ވެސް ދަނީ އަސްކަރީ އޭއައި ނިޒާމުތައް ތަރައްޤީކުރުމަށް ބޮޑެތި ޙަރަދުތަކެއް ކުރަމުންނެވެ. ޗައިނާގެ އަސްކަރިއްޔާ ޒަމާނީކުރުމަށް ކުރާ މަސައްކަތްތަކާއި، އެ ގައުމުގެ އަމިއްލަ ޓެކްނޮލޮޖީ ކުންފުނިތައް ދިފާއީ މަޝްރޫއުތަކުގައި ބައިވެރިވާ މިންވަރާ މެދު ވޮޝިންގްޓަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެހެންނަމަވެސް، ޗައިނާއިން ބުނަނީ އޭއައިގެ އެހީގައި ހިންގާ ދިފާއީ ނިޒާމުތަކަކީ ޤައުމީ ސަލާމަތް ރައްކާތެރިކުރުމަށާއި، ކުރިއަރާފައިވާ ދުނިޔެއެއްގައި އަސްކަރީ ޤާބިލުކަން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ވަސީލަތްތަކެއް ކަމަށެވެ.

އާޓިފިޝަލް އިންޓެލިޖެންސް ކުރިއަރަމުންދާ ވަރަކަށް، ކުރިމަގުގެ ހަނގުރާމައިގެ މައިދާން މިއަދާ މާ ބޮޑަށް ތަފާތުވާނެއެވެ. ސިފައިންގެ ސަފުތަކުގެ ބަދަލުގައި ފެނިގެންދާނީ އަމިއްލައަށް މަސައްކަތްކުރާ ޑްރޯންތަކާއި، ރޮބޮޓް ލަޝްކަރުތަކުން އިންސާނުންނަށް ނުލިބޭ ފަދަ ބާރުމިނެއްގައި ނިންމުންތައް ނިންމާ މަންޒަރެވެ. މި ބަދަލުގެ ސަބަބުން ހަނގުރާމަތައް މާ ބޮޑަށް އަމާޒަށް ވާސިލުވާނެތޯ ނުވަތަ މާ ނުރައްކާތެރި ވާނެތޯ، މިއީ އޭއައިގެ ޒަމާނުގައި އުފެދޭ އެންމެ ބޮޑު ސުވާލެވެ.



ކިޔުންތެރިންގެ ހިޔާލު