ތައިލެންޑް އިމިގްރޭޝަން ގޭޓަކަށް ގެއްލުން ދިން ޗައިނާގެ ފަތުރުވެރި އެއް
ތައިލެންޑް އިމިގްރޭޝަން ގޭޓަކަށް ގެއްލުން ދިން ޗައިނާގެ ފަތުރުވެރި އެއް
ތައިލެންޑުގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި، ޒެންގް ލީވޭ ނަމަކަށް ކިޔާ އުމުރުން 30 އަހަރުގެ މި މީހާ ރުޅި އައިސްގެން އުޅުނީ، އޮޓޮމޭޓެޑް ޕާސްޕޯޓް ޗެކްޕޮއިންޓުގައި އޭނާ ބޭނުން ކުރި ޕާސްޕޯރޓް ސްކޭން ކުރަން ތަކުރާރުކޮށް މަސައްކަތް ކުރުމުންވެސް ރިޖެކްޓްވުމުންނެވެ.

ސެކިއުރިޓީ ކެމެރާތަކުގެ ފޫޓޭޖުން ފެންނަ ގޮތުގައި، އޭނާ ވަނީ އިލެކްޓްރޯނިކް ގޭޓުތަކުގައި ކޮޅުފައިން ޖަހައި، ބާރުގެ ބޭނުންކޮށްގެން އެ ހުޅުވަން މަސައްކަތް ކޮށްފައެވެ. މީގެ ސަބަބުން އެލާމްތައް އަޅާ މީހުންގެ ސަމާލް ކަމަށް މިކަން އައިސް، އެ ގޭޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ތައިލެންޑުގެ އިމިގްރޭޝަން ފުލުހުން ބުނި ގޮތުގައި، އެ ފަތުރުވެރިޔާ ވަނީ އެތަނުގައި ތިބި އޮފިސަރުންނަށް ހުތުރުބަހުން މުއާމަލާތްކޮށް، ގަދަކަމުން ޗެކްޕޮއިންޓުން އެތެރެވާން މަސައްކަތް ކޮށްފައެވެ. އޭނާ ވަނީ އެ ވަގުތު އެ ސަރަހައްދުން ހައްޔަރުކޮށްފައެވެ. މިހާރު އޭނާގެ މައްޗަށް ދައުލަތުގެ މުދަލަށް ގެއްލުން ދިނުމާއި، އޮފިޝަލުންނަށް ފުރައްސާރަ ކުރުމުގެ ޖިނާއީ ދައުވާ ވަނީ އުފުލާފައެވެ.

ކަމާބެހޭ ފަރާތްތަކުން އަންދާޒާ ކުރާ ގޮތުގައި އެއާޕޯޓުގެ މުދަލަށް ލިބުނު ގެއްލުމުގެ އަގު ގާތްގަނޑަކަށް 14،500 އެމެރިކާ ޑޮލަރަށް އަރައެވެ. ތައިލެންޑުގެ އިމިގްރޭޝަނުން އޭނާ އެ ޤައުމަށް ވަނުން އުމުރަށް މަނާކުރުމުގެ އިތުރުން، ޖަލު ހުކުމަކާއި، ބޮޑު ޖޫރިމަނާއެއް އަދި ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ އަދަބާ ވެސް އޭނާ ކުރިމަތިލާން ޖެހިދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު