ގައުމީ ޔުނިވާސިޓީގެ ގްރެޖުއޭޝަނެއް- ފޮޓޯ: އެމްއެންޔޫ
ގައުމީ ޔުނިވާސިޓީގެ ގްރެޖުއޭޝަނެއް- ފޮޓޯ: އެމްއެންޔޫ
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ބޭނުންވާ ދަރިވަރުންނަށް އަމާޒުކޮށް، ޒަކާތު ފަންޑުގެ އެހީގައި ދޭ ސްކޮލަރޝިޕްތަކާއި ޚާއްސަ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވަސް ޒަކާތު ހައުސްއިން މިއަދު ހުޅުވާލައިފިއެވެ.

މި ފުރުސަތުގެ ދަށުން ރާއްޖޭގައި ތިބެގެން ކިޔެވުމަށް 10 ފުރުސަތު އަދި ރާއްޖެއިން ބޭރުން ކިޔެވުމަށް 20 ފުރުސަތު ހިމެނޭހެން ޖުމްލަ 30 ފުރުސަތު ވަނީ ހުޅުވާލާފައެވެ. ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، ޤައުމީ ޔުނިވަރސިޓީ، ވިލާ ކޮލެޖް، އެވިޑް ކޮލެޖް އަދި ޒިކުރާ ކޮލެޖުން މާސްޓަރސް އަދި ޕީ.އެޗް.ޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު އޮންނާނެއެވެ. މީގެ ތެރޭގައި އިސްލާމިކް ޝަރީޢާ، ޤުރުއާނިކް ސައިންސެސް، އިސްލާމިކް ފައިނޭންސް ފަދަ ދީނީ އަދި އިޖުތިމާޢީ ގިނަ ދާއިރާތަކެއް ހިމެނެއެވެ.

ރާއްޖެއިން ބޭރުގައި ކިޔެވުމަށް ހުޅުވާލާފައިވަނީ މެލޭޝިއާ، ބުރުނާއި އަދި ޕާކިސްތާނުގެ ފާހަގަކޮށްލެވޭ އިސްލާމީ ޔުނިވަރސިޓީތަކުންނެވެ. މި ފުރުސަތުތައް ޑިގްރީ، މާސްޓަރސް އަދި ޕީ.އެޗް.ޑީ ފެންވަރަށް އޮތްއިރު، ހަލާލް އިންޑަސްޓްރީ، އިސްލާމިކް ބޭންކިންގް، ސައިކޮލޮޖީ އަދި ޕޮލިޓިކަލް ސައިންސް ފަދަ ޒަމާނީ ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ އިތުރުން، އިއުލާނުކޮށްފައިވާ ދާއިރާތަކުގެ ބޭރުން މާސްޓަރސް ނުވަތަ ޕީ.އެޗް.ޑީއަށް ކިޔަވަން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހަޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

ޚާއްސަ ސްކޮލަރޝިޕާއި ސްޓައިޕެންޑްގެ އެހީ އަށް ބަލާއިރު، ޒަކާތު ފަންޑުން ވަނީ ސާކް ޤައުމުތަކުގައި އަންހެނުންގެ ޚާއްސަ ބަލިތަކަށް ބޭނުންވާ އަންހެން ޑޮކްޓަރުން ތަމްރީނު ކުރުމަށް 5 ފުރުސަތު ހުޅުވާލާފައެވެ. މީގެ އިތުރުން ސަޢުދީ ޢަރަބިއްޔާ އަދި މިސްރުގައި ކިޔަވާ، އަނބިދަރިންނާއެކު ޔުނިވަރސިޓީން ބޭރުގައި ދިރިއުޅޭ ދަރިވަރުންނަށް ސްޓައިޕެންޑްގެ އެހީ ދިނުމަށްވެސް 5 ފުރުސަތު ވަނީ ކަނޑައަޅާފައެވެ.

މި ސްކޮލަރޝިޕްތަކަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހިން ކަމުގައި ވާންޖެހެއެވެ. އަދި އެ ފަރާތްތަކަކީ ކިޔެވުމުގެ މާލީ ފުދުންތެރިކަން ނެތް، އަދި ސަރުކާރުގެ އެހެން އެއްވެސް ސްކޮލަރޝިޕެއް ނުވަތަ ލޯނެއްގެ އެހީގައި ކިޔަވަމުންދާ ފަރާތްތަކަށް ވެގެން ނުވާނެއެވެ. މީގެ އިތުރުން، ކިޔަވަން ހުށަހަޅާ ކޯހަކީ މިހާރު ހާސިލުކޮށްފައިވާ ސެޓްފިކެޓަށް ވުރެ މަތީ ފެންވަރުގެ، އިސްލާމިކް މޮޑިއުލްތައް ހިމެނޭ ފުލްޓައިމް ކޯހަކަށް ވާންޖެހޭނެއެވެ.

ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ޗެކްލިސްޓުގައިވާ އެންމެހައި ލިޔެކިޔުންތައް ހުށަހަޅަންޖެހެއެވެ. އެޕްލިކޭޝަން ހުށަހަޅުމުގެ އެންމެ ފަހު ތާރީޚަކީ 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

އެޕްލިކޭޝަން ހުށަހަޅާނީ [email protected]

އަށް އީމެއިލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް 3021414 ނަންބަރަށް ގުޅުއްވުމަށް ޒަކާތު ހައުސްއިން އިލްތިމާސްކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު