ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު
ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް ހިންގެވުމާ އަލަށް ހަވާލުވެވަޑައިގަތް މޭޔަރުންނަށާއި، ކައުންސިލްތަކުގެ ރައީސުންނަށާއި ކައުންސިލަރުންގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންނާއި މެންބަރުންނަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ މަޤާމުތަކާ ހަވާލުވެވަޑައިގަތް ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ފޮނުއްވައި، ރަށު ފެންވަރުގައާއި ސިޓީ ފެންވަރުގައި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރައްވަން ތިއްބެވީ އެ ބޭފުޅުންކަން ފާހަގަކުރަށްވާފައެވެ.

އަދި ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ ރަށްތައް ހިންގުމުގައި ކައުންސިލަރުންނާއި ކޮމެޓީތަކުގެ ދައުރު ނުހަނު ބޮޑުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އޭގެއިތުރުން ރައީސް ޞާލިޙު ވިދާޅުވީ، މިވަގުތު ކައުންސިލްތަކުގެ ކުރިމަތީގައި ހުރި ހުރަސްތަކާއި ގޮންޖެހުންތައް ވަރަށް ގިނަ ކަމަށެވެ.

އެގޮތުން މިހާރުގެ ސަރުކާރުން ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލައި، މައި ސަރުކާރަށް ބާރުތައް ޖަމާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ތުހުމަތުކުރައްވަމުން، އެމަނިކުފާނު ވަނީ ހިތްވަރާއެކު އެ ގޮންޖެހުންތަކާއި ހުރަސްތައް ގިރާކުރައްވައި ކުރިއަށް ވަޑައިގަތުމަށް ކައުންސިލްތަކަށް އިލްތިމާސްކުރަށްވާފައެވެ.

އަދި އެމަނިކުފާނުގެ ޕޯސްޓް ނިންމަވާލައްވާފައިވަނީ ﷲގެ ރަހުމަތާއެކު ހުރިހާ ބޭފުޅުންނަށްވެސް ކާމިޔާބީ އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު