ދަމަނަވެށި
ދަމަނަވެށި
މާލޭގައި ޢާންމު ޞިއްޙަތުގެ ޚިދުމަތްދޭ މައި މަރުކަޒު، "ދަމަނަވެށި" އަންނަ މަހުން ފެށިގެން ބަންދުކޮށް، އެތަނުގެ ޚިދުމަތްތައް ވަގުތީގޮތުން އެހެން ތަންތަނަށް ބަދަލުކުރުމަށް މިނިސްޓްރީ އޮފް ހެލްތުން ނިންމައިފިއެވެ.

މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނީ، މި ބަދަލު ގެންނަން ނިންމީ މިހާރު ދަމަނަވެށި ހުރި ބިމާއި ކުރީގެ ތެލެސީމިއާ ސެންޓަރު ހުރި ބިމުގައި އާ "އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރެއް" ބިނާކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ކަމަށެވެ. މިއީ ރާއްޖޭގެ ޢާންމު ޞިއްޙަތުގެ ޚިދުމަތްތައް ހަރުދަނާކޮށް، ރައްކާތެރިކަން އިތުރުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ފުޅާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢާ ގުޅިގެން، އަންނަ މަހުން ފެށިގެން ދަމަނަވެށީގެ ޚިދުމަތްތައް ވަގުތީގޮތުން ދެމުންދާނީ މާފަންނުގައި ހުންނަ އަރބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުންނާއި، ހުޅުމާލެ ޕަބްލިކް ހެލްތު ޔުނިޓުންނާއި، ޖީޕީ ކްލިނިކުންނެވެ.



މީގެ އިތުރުން، ދަމަނަވެށީގައި މިހާރު މަސައްކަތް ކުރަމުންދާ މުވައްޒަފުން، މާދަމާއިން ފެށިގެން މާލެއާއި ހުޅުމާލޭގެ އެކި ސަރަޙައްދުތަކަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެތަނުގެ މުވައްޒަފުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ދަމަނަވެއްޓަކީ ކުޑަކުދިންގެ ހެދިބޮޑުވުން ބެލުމާއި، ގަވާއިދުން ދޭންޖެހޭ ވެކްސިންތައް ދިނުން ފަދަ ޢާންމު ޞިއްޙަތާ ގުޅުންހުރި ޒަރޫރީ ޚިދުމަތްތަކަށް ގިނަ އަދަދެއްގެ ރައްޔިތުން ބަރޯސާވާ މަރުކަޒެކެވެ. މި ބަދަލާއެކުވެސް ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު