ފޮޓޯ: އެމް.އެފް.ޑީ.އޭ
ފޮޓޯ: އެމް.އެފް.ޑީ.އޭ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ރާއްޖެ އެތެރެކުރުމުގެ ހުއްދައާއި ރަޖިސްޓްރީ ނެތި ވިއްކަމުންދާ 21 ބޭހެއްގެ މައުލޫމާތު މިއަދު އާންމުކޮށްފިއެވެ.

އެމް.އެފް.ޑީ.އޭ އިން މިއަދު ބުނީ، ރާއްޖެއަށް ބޭސް އެތެރެކުރެވޭނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ރަޖިސްޓްރީކޮށް، އެ އޮތޯރިޓީގެ "އެޕްރޫވްޑް ޑްރަގް ލިސްޓް" ގައި ހިމެނޭ ތަކެތި އެކަނި ކަމަށެވެ. ނަމަވެސް، ބޭސް އެތެރެކުރުމުގެ ހުއްދަ ނެތް ފަރާތްތަކުން ގަވާއިދާ ހިލާފަށް އެކި ބާވަތްތަކުގެ ބޭސް އެތެރެކޮށް، އޮންލައިން ޕްލެޓްފޯމްތަކުގައާއި އާދައިގެ ފިހާރަތަކުގައި ވިއްކަމުންދާކަން އެ އޮތޯރިޓީއަށް ވަނީ ފާހަގަކުރެވިފައި ކަމަށް ބަޔާނުގައިވެއެވެ.

އެމް.އެފް.ޑީ.އޭ އިން އާންމުކުރި މި ލިސްޓުގައި ހިމެނޭ ބޭސްތަކުގެ ތެރޭގައި ތަދު ކަނޑުވަން އުނގުޅާ ބޭސްތަކާއި، ހަމުގެ ބަލިތަކަށް ބޭނުންކުރާ ބޭސްތަކާއި، ރޯގާއަށް ބޭނުންކުރާ ބޭސްތަކާއި، ހަކުރު ބަލީގެ މީހުން ބޭނުންކުރާ ބޭސްތައް ހިމެނެއެވެ.



މި ބޭސްތަކަކީ އޭގެ ފެންވަރާއި، ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ތަކެއްޗެއް ނޫންކަމަށް އެމް.އެފް.ޑީ.އޭ އިން ބުނެއެވެ. އަދި ބޭހުގައި ހިމެނޭ މާއްދާތަކަކީ ކޮބައިކަން ޔަގީން ނުކުރެވޭތީ، އެފަދަ ތަކެތި ބޭނުންކުރުމަކީ ސިއްހީ ގޮތުން ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމެއްކަމުގެ އިންޒާރުވެސް އެ އޮތޯރިޓީން ވަނީ ދީފައެވެ.

އެމް.އެފް.ޑީ.އޭ އިން އިތުރަށް ބުނީ، މިފަދަ ބޭސްތައް ރާއްޖެއަށް އިމްޕޯޓުކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުމަކީ މަނާކަމެއް ކަމަށެވެ. މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމަށް އެމް.އެފް.ޑީ.އޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު