އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު އަލުން އެ ޕާޓީއާ ގުޅިވަޑައިގެން އުޅުއްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އެމްޑީޕީގެ އާންމު މެންބަރުންގެ ކިބައިން މައާފަށް އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދު މިގޮތަށް މައާފަށް އެދިވަޑައިގަތީ ރ. ދުވާފަރަށް ކުރެއްވި ޒިޔާރަތެއްގައި، އެ ރަށު އެމްޑީޕީ މެންބަރަކު ކުރި ސުވާލުތަކަކަށް ޖަވާބު ދެއްވަމުންނެވެ.

އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދެއްކި މެންބަރަކު ވަނީ، 2023 ވަނަ އަހަރު ނަޝީދު ޕާޓީން ވަކިވެވަޑައިގަތުމަކީ އެމްޑީޕީގެ އާއިލާއަށް ލިބުނު ފުން ހިތާމައެއް ކަމަށް ބުނެފައެވެ. އަދި އެއީ ނަޝީދަށް ހެއްދެވުނު ގޯހެއްގެ ގޮތުގައި ބަލައި، މެންބަރުންގެ ކިބައިން މައާފަށް އެދިވަޑައިގަތުމަށްފަހު، އަލުން އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އުންމީދުކުރާ ކަމަށް ވެސް އެ މެންބަރު ބުންޏެވެ.

މިކަމާ ގުޅޭގޮތުން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އެމްޑީޕީއާ ވަކިވުމަކީ އެމަނިކުފާނަށް ވެސް ފަސޭހަ ކަމެއް ނޫން ކަމަށާއި، އެމަނިކުފާނުގެ މުޅި ސިޔާސީ ހަޔާތް ބިނާވެފައި ވަނީ އެ ޕާޓީގެ މައްޗަށް ކަމަށެވެ. އަދި އެ ޕާޓީއަށްޓަކައި އެމަނިކުފާނަށް ވުރެ ބޮޑު ގުރުބާނީއެއް ވީ ނުވަތަ އަނިޔާ ތަހައްމަލުކުރި އެހެން މީހަކު ނުހުންނާނެކަން ފާހަގަކުރައްވައި، އަމިއްލަ އިހްތިޔާރުގައި ޕާޓީ ދޫކޮށްލަން ދުވަހަކު ވެސް ބޭނުންފުޅު ނުވި ކަމަށް ނަޝީދު ވިދާޅުވިއެވެ.

"2019 ގެ އިންތިޚާބުގައި 65 ގޮނޑި ލިބުމަށްފަހު، ރައީސް ސޯލިހު އަޅުގަނޑާ ވާހަކަ ދެއްކުން ހުއްޓާލެއްވި. އޭގެ ފަހުން ބޮމުގެ ހަމަލާއާއި ތަހުގީގުގެ މައްސަލަތައް ދިޔަ ގޮތުންނާއި، ހަސަން ލަތީފާއި އީވާ ފަދަ ބޭފުޅުން ވަކިކުރަން އުޅުމުން، އިތުރަށް އެތަނުގައި ހުންނާނެ ޖާގައެއް ނެތްކަން ޔަގީންވީ،" މަޖިލީހުގެ ކުރީގެ ރައީސްް ކަން ކުރެއްވި ނަޝީދު ވިދާޅުވިއެވެ.

ޕާޓީއާ ވަކިވި ދުވަސްވަރު އެމްޑީޕީގެ "ކެޔޮގަނޑުގެ ފޫ ވެއްޓިއްޖެ" ކަމަށާއި އެ ޕާޓީ "ރޫޅާލާނެ" ކަމަށް ވިދާޅުވެ ދެއްކެވި ހަރުކަށި ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ، އެއީ އޭރު އޮތް ހާލަތުގެ ސަބަބުން ދެކެވުނު ވާހަކަތަކެއް ކަމަށެވެ.އެމަނިކުފާނުގެ ފަރާތުން ވެސް ކުށްތަކެއް ކުރެވިފައި ހުރެދާނެ ކަމަށާއި، އެކަމަށް ތަކުރާރުކޮށް މައާފަށް އެދޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް، އެމްޑީޕީގެ މެންބަރުން ވެސް އެމަނިކުފާނުގެ ކިބައިން މައާފަށް އެދެންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް، މެންބަރުން މައާފަށް އެދެންޖެހޭ ސީދާ ސަބަބެއް އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ.

މީގެ އިތުރުން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވީ ހަމައެކަނި އެމަނިކުފާނު ޕާޓީން ވަކިވުމުން ނޫން ކަމަށާއި، އެއީ އޭރު ނިކުމެ ހުރި ކެންޑިޑޭޓުގެ ފެންވަރާ ގުޅިފައި އޮތް ކަމެއް ކަމަށް ވެސް ނަޝީދު ސިފަކުރެއްވިއެވެ. ނަޝީދު އެދިވަޑައިގަތީ މާޒީގެ ހިތްނުތަނަވަސްކަން ދޫކޮށްލުމަށެވެ.

އެމްޑީޕީގެ އުފެދުނީސް ފެށުނުސުރެ އެންމެ އިސްކޮށް ހުންނެވި ނަޝީދު އެ ޕާޓީން ވަކިވެވަޑައިގަތީ ޖޫން 2023 ގައެވެ. އޭގެ ފަހުން 'ދަ ޑިމޮކްރެޓްސް' އުފެއްދެވުމުގައި އުޅުއްވުމަށްފަހު، އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ 2025 ގެ ޖޫން މަހުއެވެ.



ކިޔުންތެރިންގެ ހިޔާލު