މާލެއާއި ހުޅުމާލެއިން މިއަދު މެންދުރު ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ، ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

މިއަދު މެންދުރު 12:00 އެހާކަންހާއިރު މުޅި މާލެއާއި ހުޅުމާލެއިން އެއްފަހަރާ ކަރަންޓު ކެނޑެން މެދުވެރިވީ، އިންޖީނުގޭގެ އަޕްގްރޭޑިންގ މަސައްކަތްތައް ކުރިއަށް ގެންދަނިކޮށް ދިމާވި މައްސަލައަކާ ގުޅިގެން ޖަނަރޭޓަރުތައް ނިވުމުންނެވެ. ސްޓެލްކޯއިން ބުނި ގޮތުގައި، މި އަޕްގްރޭޑަކީ ކަރަންޓުގެ ނިޒާމުގެ އިތުބާރު ހިފޭ މިންވަރު މަތިކުރުމަށާއި، ދިގު މުއްދަތަކަށް ނިޒާމުގެ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެހެން މުހިންމު މަސައްކަތެކެވެ.

ކަރަންޓު ކެނޑުނުތާ ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުން، ސްޓެލްކޯގެ ޓީމުތަކުން ކުރި މަސައްކަތުން މިހާރު ވަނީ އެކި ސަރަހައްދުތަކަށް މަޑުމަޑުން ކަރަންޓު ދޫކުރަން ފަށާފައެވެ. އެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި، ހުޅުމާލެއާއި މާލޭގެ އިންޖީނުތައް އަލުން ހިންގައި، ސިސްޓަމް އާންމު ހާލަތަކަށް ގެނައުމުގެ މަސައްކަތް މިހާރު ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ. ނަމަވެސް، އަދިވެސް ގިނަ ސަރަހައްދުތަކަކަށް ކަރަންޓު ނުލިބޭކަން ފާހަގަކުރެވެއެވެ.

ސްޓެލްކޯއިން މިއަދު ހެނދުނު ވަނީ ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން ކުރިއަށްގެންދިޔަ އަޕްގްރޭޑިންގ މަސައްކަތް، އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލާ ނިންމާލެވުނުކަން އިއުލާނުކޮށްފައެވެ. އެހެންނަމަވެސް، އޭގެ ކުޑަވަގުތުކޮޅެއް ފަހުން ކަރަންޓު ކެނޑުމާ ގުޅިގެން އާންމުންނަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ސްޓެލްކޯއިން ދަނީ މުޅި ވިއުގައަށް ކަރަންޓު ދީ، ޚިދުމަތް ފުރިހަމައަށް އިއާދަކުރުމަށް މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު