ފަލަސްތީން
ފަލަސްތީން
އިޒްރާއީލްގެ ލާއިންސާނީ އަނިޔާވެރި ހަމަލާތަކުން ހަލާކުވެ މުޅިން ބިމާހަމަވެފައިވާ އިމާރާތްތަކުގެ ކުނިބުނިތަކާއި ކޮންކްރީޓްތަކުގެ ތެރެއިން، ފުރާނައަށް ނުރައްކާވެފައިވާ މައުސޫމް ކުޑަ އަންހެން ކުއްޖަކު ސަލާމަތްކުރެވުނު މަންޒަރަކީ ހިތްތަކަށް ކަރުނައާއި އުންމީދު އެއްފަހަރާ ގެނުވައިދިން އަސަރުގަދަ ކަމެކެވެ.

އެ ކުއްޖާގެ ކަޅުކަންގަދަ އިސްތަށިގަނޑު ވަނީ އަޅިއާއި ހިރަފުހުން ބަރުވެ، އޮޅުންބޮޅުންވެފައެވެ. އެ މައުސޫމް ހަށިގަނޑުގެ އެކި ތަންތަނުގައި ފުން ޒަހަމްތަކާއި، ހިކިފައިވާ ލެޔާއި، އަދި ހަށިގަނޑަށް ލިބިފައިވާ ޒަޚަމްތަކުގެ ވޭނީ އަސަރުތައް ފެންނަން ހުއްޓެވެ. ނަމަވެސް، އެ ހުރިހާ ބިރުވެރި ހަލާކުވުންތަކަށްވުރެ އެ ކުއްޖާގެ ހިތުގެ ހިނގުން މާ ވަރުގަދައެވެ.

އޭނާގެ މުޅި ދިރިއުޅުމާއި، ހަނދާންތަކާއި، އުފާވެރި ގެދޮރު ސިކުންތެއްގެ ތެރޭގައި ފުނޑުފުނޑުވެގެން ދިޔަ ނަމަވެސް، މާތްﷲ އެ ކުއްޖާއަށް ސަލާމަތްތެރިކަން މިންވަރު ކުރެއްވީ ހަމައެކަނި ފުރާނައެއް ސަލާމަތްވުމުގެ ގޮތުގައެއް ނޫނެވެ. އެއީ، ކިތަންމެ ބޮޑު އަނިޔާވެރިކަމަކުންވެސް މައުސޫމްކަމަކީ ފަސޭހައިން ފުނޑުފުނޑުކޮށްލެވޭނެ އެއްޗެއް ނޫންކަމުގެ ދިރިހުރި މިސާލެއްގެ ގޮތުގައެވެ. އޭނާގެ ބިރުގަނެފައިވާ ބޮޑު ދެލޮލުން ފެންނަމުންދިޔައީ މުޅި ދުނިޔޭގެ އިންސާނިއްޔަތުކަމާ މެދު ސުވާލު އުފައްދާ ފަދަ ނަޒަރެކެވެ.

​ނަމަވެސް، އެ ހިތްދަތި ސުންބުނޑުތަކުގެ އަޑީގައި ތާށިވެ، ދުނިޔެއަށް ނޭވާލާން ތޮޅެމުންދަނީ ހަމައެކަނި އެ ކުއްޖާއެއް ނޫނެވެ. ޣައްޒާގެ ކޮންމެ މަގަކާއި ކޮންމެ ގޯޅިއަކުން މިއަދު އިވެމުންދަނީ މިފަދަ ހިތްފަޅައިގެންދާ ފަދަ ވާހަކަތަކެވެ. އެތައް ހާސް ކުޑަކުދިންނެއް އަދިވެސް ތިބީ ބަރު ކޮންކްރީޓްތަކުގެ ދަށުގައާއި، އަނދިރި ހާލަތްތަކުގައި އެކުދިން ސަލާމަތްކޮށްދޭނެ އޯގާތެރި އަތެއްގެ އިންތިޒާރުގައެވެ.

ބަނޑުހައިހޫނުކަމާއި، ފިނިކަމާއި، ބިރުވެރިކަމުގެ ތެރޭގައި އެކުދިން ދަނީ އެހީއަށް އެދި ގޮވަމުންނެވެ. އެކުދިންނަށް ބޭނުންވަނީ އެކުދިންގެ ނަމުން ގޮވާލާނެ އޯގާތެރި އަޑެކެވެ. ވަގުތު ފާއިތުވުމުގެ ކުރިން ފޯރާނެ އިންސާނީ އެހީތެރިކަމެކެވެ. އެހެންކަމުން، ޣައްޒާގެ މި މައުސޫމް ކުދިންގެ ހާލަތަށް ރަހުމްކޮށް، އެކުދިންގެ ފުރާނައާއި މުސްތަގުބަލު ސަލާމަތްކުރުމަށްޓަކައި މުޅި އިސްލާމީ އުންމަތާއި، ބައިނަލްއަގުވާމީ މުޖުތަމައު އެކުގައި އެއް އަޑަކުން ތެދުވަންޖެހެއެވެ.

މިއީ ހަމައެކަނި ސިޔާސީ ނުވަތަ ޖިއޮގްރަފީ މައްސަލައެއް ނޫނެވެ. މިއީ އިންސާނިއްޔަތުކަމުގެ އެންމެ ބޮޑު އިމްތިހާނެވެ.

​ޓީވީ ސްކްރީންތަކުންނާއި ސޯޝަލް މީޑިއާއިން މި މަންޒަރުތައް ބަލައި، ހަމައެކަނި ހިތާމަކޮށް ކަރުނަ އޮއްސުމުގެ ވަގުތު މިވަނީ ފާއިތުވެފައެވެ. އެ ކަރުނަތަކަކީ ބޭކާރު އެއްޗަކަށް ހެދުމުގެ ބަދަލުގައި، އެއީ އަމަލީ ހަރަކާތްތަކަކަށް ބަދަލުކުރަން އެބަޖެހެއެވެ.

މި ބިރުވެރި އަދި ނާޒުކު ހާލަތުގައި، އަޅުގަނޑުމެންގެ މައްޗަށް މުހިންމު ކަންތައްތަކެއް ލާޒިމުވެގެންވެއެވެ. އޭގެ ތެރޭގައި، މާތްﷲގެ ހަޟްރަތުގައި އެކުދިންނަށް ނަސްރާއި ސަލާމަތްތެރިކަން ދެއްވުން އެދި ކޮންމެ ނަމާދެއްގެ ފަހަތުގައި އިހުލާސްތެރިކަމާއެކު ދުއާކުރުމާއި، ކާބޯތަކެއްޗާއި، ބޭހާއި، ސާފު ބޯފެން ފޯރުކޮށްދޭ ރަސްމީ ފަންޑުތަކަށް ދިލަތި މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

އަދި ހަމައެހެންމެ، ބައިނަލްއަގުވާމީ ދުނިޔޭގައި އެކުދިންގެ ހައްގުގައި އަޑުއުފުލައި، އަނިޔާވެރިކަން ހުއްޓުވުމަށް ބާރުއެޅުންވެސް ހިމެނެއެވެ. ސުންބުނޑުތަކުގެ އަޑީގައި، އެކަނިވެރިކަމާއި ބިރުވެރިކަމާއެކު ރޮއެލޮއެ ތިބި އެއްވެސް މައުސޫމް ކުއްޖަކު ބާކީނުކޮށް، އެކުދިންނަށް އުންމީދުގެ އަލިކަމެއް ހޯދައިދިނުމަކީ މިއަދު އަޅުގަނޑުމެންގެ މައްޗަށް އޮތް އެންމެ ބޮޑު އިންސާނީ އަދި ދީނީ ވާޖިބެވެ.

އެކުދިންގެ ހިނިތުންވުން އަލުން އަނބުރާ ގެނެސްދެވޭނީ އަޅުގަނޑުމެން އެންމެން އެކުގައި ގުޅިގެން ކުރާ މަސައްކަތުންނެވެ.



ކިޔުންތެރިންގެ ހިޔާލު