ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް
ވެރިކަން ކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ އެތެރޭގައި ޚިޔާލުތަފާތުވުންތަކެއް އުފެދި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސީ ބާރު ކުޑަވަމުންދާ ކަމަށް ބުނެ ރާއްޖޭގެ ބައެއް އޮންލައިން މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވެސް ދޮގުކުރައްވާފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއްކަން ކަށަވަރުކޮށްދެއްވާފައެވެ.

މި މައްސަލަ ފެންމަތިވެގެންދިޔައީ "އަދަދު" ނޫހާއި ބައެއް އެހެން މީޑިއާތަކުން، ޕީއެންސީގެ ސެނެޓް މެންބަރަކާ ހަވާލާދީ ލިޔެފައިވާ ރިޕޯޓްތަކަކާ ގުޅިގެންނެވެ. އެ ރިޕޯޓްތަކުގައި ތުހުމަތުކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް "ކޮންގްރެސް ޕާޓީގެ މަތީ މަޖިލިސް – 2026″ ބޭއްވުމުގެ ހުރިހާ އިންތިޒާމުތަކެއް ހަމައެކަނި ޕާޓީގެ ލީޑަޝިޕުން ނިންމާ ގޮތަށް ހެދުމަށް ރައީސް މުއިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ސެނެޓުގެ އަގުލަބިއްޔަތުން ވަނީ ދެކޮޅު ހަދާފައެވެ.

އަދި މިއީ ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ޕާޓީގެ އެތެރޭގެ ނިންމުމެއްގައި ރައީސް މުއިއްޒަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރު ކަމަށް ވެސް އެ ނޫސްތަކުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ކޮންގްރެސްގެ ކަންކަން ވިލަރެސްކުރަން ސެނެޓުން އެކުލަވާލި ޚާއްސަ ކޮމިޓީގައި ރައީސް މުއިއްޒު އެހާ ގަޔާނުވާ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށާއި، އޭގެ ތެރޭގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ އިތުރުން ޕީޖީ ލީޑަރު ފަލާހާއި ބައެއް ވަޒީރުން ހިމެނޭ ކަމަށް ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ނަމަވެސް މި ވާހަކަތަކަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، އެއީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. ސެނެޓުން ވަކި ގޮތަކަށް ކަމެއް ނިންމުމަށް ރިޔާސަތުން ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެއްވެސް ކަމެއް ހުށަނާޅުއްވާ ކަމުގެ ޔަގީންކަން ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީއަކީ ޑިމޮކްރަސީގެ ރިވެތި އުޞޫލުން ހިންގާ ޕާޓީއެއް ކަމަށެވެ.

"މިއީ ކަނޑައެޅިގެން ހަގީގަތާ ޚިލާފުވާހަކައެއް. މެންބަރުންގެ މަޖިލީހުން ވަކި ގޮތަކަށް ކަމެއް ނިންމާކަށް ރިޔާސަތުން ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށައެއް ނާޅުއްވާ،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ބޭރުން އުފައްދާ ފިތުނަ ފަސާދައިގެ ސަބަބުން ޕާޓީގެ އެތެރޭގެ ބަދަހިކަމަށް އެއްވެސް ބުރޫއެއް ނާރާނެ ކަމަށާއި، ފިތުނަ އުފައްދައިގެން ޕާޓީ ބައިބައި ނުކުރެވޭނެ ކަމަށެވެ. އަދި ޕާޓީގެ މުޅި ލީޑަޝިޕް އޮތީ ރައީސް ޑރ. މުއިއްޒާއެކު ސާބިތުވެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު