މާލެއިން ފުރައިގެން އއ. ތޮއްޑޫއަށް ދަތުރުކުރި "ރިލެކްސް އައިޝާ" ލޯންޗު ދިޔަވެ އަޑިއަށްދަނިކޮށް، އޭގެއިން ދަތުރުކުރި އެންމެން ސަލާމަތްކޮށްފިއެވެ.

ފުުލުހުންގެ 'މެރިން ޕޮލިސް' އިން ބުނީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 17:30 ހާއިރު ކަމަށެވެ. އެ ލޯންޗު ދިޔަވެ، އަޑިއަށް ދާން ފެށުމުން އޭގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ވަގުތުން ފެށިކަމަށް 'މެރިން ޕޮލިސް' އިން ބުންޏެވެ.

މި ހާދިސާ ހިނގިއިރު ލޯންޗުން ޖުމްލަ 25 މީހުން ދަތުރުކުރަމުން ދިޔައެވެ. ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ކުރި މަސައްކަތުން، ލޯންޗުން ދަތުރުކުރި ހުރިހާ އެންމެންވެސް ސަލާމަތްކޮށްފައިވާކަމަށް 'މެރިން ޕޮލިސް' އިން މައުލޫމާތުދެއެވެ.

މި ހާދިސާ ހިނގާފައި މިވަނީ ބޮޑުއީދު ބަންދާ ދިމާކޮށް، މާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު ކަނޑުމަގުން އަތޮޅުތަކުގެ އެކި ރަށްރަށަށް ދަތުރުފަށާފައިވާ ދަނޑިވަޅެއްގައެވެ.

މިދުވަސްވަރަކީ ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ، ކަނޑުތައް ގަދަ ދުވަސްވަރަކަށް ވާތީ، ކަނޑުދަތުރުފަތުރު ކުރާ ހުރިހާ ފަރާތްތަކުންވެސް ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. ވަގުތުން ވަގުތަށް މޫސުމަށް އަންނަ ބަދަލުތައް ބަލައި، ސަލާމަތީ ވަސީލަތްތައް ހަމައަށް ހުރިތޯ ޔަގީންކުރުމަށްވެސް ކަމާބެހޭ އިދާރާތަކުން ނަސޭހަތްތެރިވެއެވެ.



ކިޔުންތެރިންގެ ހިޔާލު