ބަރަކާތްތެރި ޙައްޖު ދުވަސް
ބަރަކާތްތެރި ޙައްޖު ދުވަސް
ބަރަކާތްތެރި ޙައްޖު މޫސުމާއި ބައްދަލުކުރިއިރު، މުޅި އިސްލާމީ އުންމަތުގެ ހިތްތަކަށް ބަޔާންކުރަންދަތި ރޫޙާނީ އުފާވެރިކަމެއް ގެނެސްދީފިއެވެ.

އިސްލާމީ އުންމަތުގެ އެންމެ މުހިންމު އަދި އެންމެ މަތިވެރި ދެ ޚުޠުބާ ދެއްވުމުގެ މަތިވެރި ޝަރަފު، ސައުދީ ޢަރަބިއްޔާގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޢަލީ އަލް ޙުޛައިފީއާއި، އެމަނިކުފާނުގެ ލޮލުގެ ނޫރުފަދަ ދަރިކަލުން ޝައިޚް އަޙްމަދު އަލް ޙުޛައިފީއަށް ވަނީ ލިބިވަޑައިގެންފައެވެ.

މިއީ މުޤައްދަސް ދެ ޙަރަމްފުޅުގެ ދިގު ތާރީޚުގައިވެސް ވަރަށް މަދުން ނޫނީ ފެނިފައިނުވާ، ޢިލްމީ އަދި ތާރީޚީ ގޮތުން ނުހަނު ކުލަގަދަ، އަސަރުގަދަ މުނާސަބަތެކެވެ.

ބޭރުގެ ބައެއް މީޑިއާ ރިޕޯތްތަކުން ބުނާ ގޮތުގައި، ހިޖުރައިން 1447 ވަނަ އަހަރުގެ (2026 ވަނަ އަހަރުގެ) ބަރަކާތްތެރި ޙައްޖު މަހުގެ 9 ވަނަ ދުވަހު، މަސްޖިދުއް ނަމިރާގައި މުޅި ދުނިޔެއަށް އިއްވައިދޭ 'ޢަރަފާތް ދުވަހުގެ ޚުޠުބާ' ދެއްވުމަށް ރަސްމީކޮށް ހަމަޖައްސަވާފައިވަނީ އުންމަތުގެ މަޤްބޫލު ޝައިޚް ޢަލީ އަލް ޙުޛައިފީއެވެ.

އަދި އޭގެ ޖެހިގެން އަންނަ ބަރަކާތްތެރި އަޟްޙާ ޢީދު ދުވަހު، މާތް ނަބިއްޔާ ﷺ ގެ ބިނާ، މަސްޖިދުއް ނަބަވީގެ މިންބަރުމަތީގައި ކޮޅަށް ހުންނަވައި ޢީދު ޚުޠުބާ ދެއްވުމުގެ ނަސީބު ލިބިވަޑައިގަންނަވަނީ އެމަނިކުފާނުގެ ދަރިކަލުން ފަޟީލަތުއްޝައިޚް އަޙްމަދު އަލް ޙުޛައިފީއަށެވެ. އެއް މޫސުމެއްގެ ތެރޭގައި، ބައްޕައަކާއި ދަރިއަކު އިސްލާމީ އުންމަތުގެ އެންމެ އިސް ދެ މިންބަރަށް އަރާވަޑައިގަންނަވާ މި މަންޒަރަކީ މުއުމިނުންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލުވައިލި ކަމެކެވެ.

ޝައިޚް ޢަލީ އަލް ޙުޛައިފީއަކީ މަސްޖިދުއް ނަބަވީގެ އިމާމްކަމާއި ޚަޠީބުކަމުގައި އެތައް އަހަރެއް ހޭދަކުރައްވައި، މުޅި އިސްލާމީ ދުނިޔޭގެ އިޙްތިރާމާއި ލޯބި ހޯއްދަވާފައިވާ މޫތީއެކެވެ.

އެމަނިކުފާނުގެ ހިތްތަކަށް އަސަރުކުރުވާ، މަޑުމައިތިރި ކިޔަވާވިދާޅުވުމުގެ ރީތި ވައްޓަފާޅިއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުންގެ ހިތްތަކާ ގުޅިފައިވާ އަޑެކެވެ.

ބައްޕާފުޅުގެ ބަރަކާތްތެރި ފިޔަވަޅުމަތީގައި ސާބިތުކަމާއެކު ކުރިއަށްވަޑައިގެންނެވި ޝައިޚް އަޙްމަދު އަލް ޙުޛައިފީއަކީ، ގިނަ އަހަރުތަކެއް ވަންދެން ދީނީ ޢިލްމުގެ ފުން ކަނޑުތަކުން އުގެނިވަޑައިގަތުމަށްފަހު، 2019 ވަނަ އަހަރު މަސްޖިދުއް ނަބަވީގެ އިމާމަކަށް އައްޔަންކުރެވުނު ޒުވާން ޢިލްމުވެރިއެކެވެ.

މި އުފާވެރި ޚަބަރާއެކު، މުޅި އިސްލާމީ ދުނިޔޭގެ ސަމާލުކަން މި ލޮބުވެތި ދެބަފައިންނަށް ވަނީ ހުއްޓިފައެވެ.

ގިނަ ބަޔަކު ސިފަކުރާ ގޮތުގައި މިއީ އެ މާތް އާއިލާއިން އިސްލާމްދީނަށާއި ދެ ޙަރަމްފުޅަށް ކުރައްވަމުން ގެންދަވާ ބުރަ ޚިދުމަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން މާތް اللهُ ދެއްވި މަތިވެރި ނިޢުމަތެކެވެ. އަދި މިއީ ޢިލްމާއި، ހިތްތިރިކަމާއި، ޖީލުން ޖީލަށް ދީނަށް ޚިދުމަތްކުރުމުގައި ދެމިއޮތުމުގެ ރީތި ނަމޫނާއެއް ކަމަށްވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުން ދެކެއެވެ.

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން ފާހަގަވެގެންދާނީ ހަމައެކަނި އަޅުވެރިންގެ ހިތްތަކަށް އަންނަ ރޫޙާނީ ބަދަލުތަކުން އެކަންޏެއް ނޫނެވެ. ޙަރަމައިންގެ ލޯބިވާ ތާރީޚުގައި ބައްޕައަކާއި ދަރިއަކު މިފަދަ މުހިންމު ދެ ޚުޠުބާއެއް އެއް މޫސުމެއްގައި ދެއްވާ ފުރަތަމަ ފަހަރުގެ ގޮތުގައި، މި އަހަރުގެ ޙައްޖު މޫސުން ތާރީޚުގެ ރަން އަކުރުން ފަވާލެވޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު