މިއަހަރު ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ހުރިހާ ހައްޖުވެރިންވެސް މިހާރު ތިބީ އަރަފާތު ބިމުގައި ކަމަށާއި، އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

​ހައްޖުވެރިން އަރަފާތަށް ދިއުމަށްޓަކައި މީނާ އިން ދަތުރު ފަށާފައިވަނީ ރޭގެ ވަގުތެއްގަ އެވެ.​މިއަދު ފަތިހު މީޑިއާތަކާ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު ކުރިން ވިދާޅުވީ، ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި އެއް ހައްޖުވެރިއަކު ފިޔަވައި އެހެން ހުރިހާ ހާޖީން އަރަފާތަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް، އޭގެ ފަހުން އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ހޮސްޕިޓަލުގައި އޮތް ހައްޖުވެރިޔާގެ ހާލު މިހާރު ރަނގަޅުވެ، ހައްޖު ކޯޕަރޭޝަނުގެ އެހީތެރިކަމާއެކު އޭނާވެސް މިހާރު އަރަފާތު ބިމަށް ގެންގޮސްފައިވާ ކަމަށެވެ.

​ ހައްޖުގެ އެންމެ ބޮޑު ރުކުނަކީ އަރަފާތު ބިމުގައި މަޑުކުރުމެވެ. އަރަފާތަށް ނުދެވޭ މީހަކަށް ހައްޖުގެ އަޅުކަން ފުރިހަމައެއް ނުވާނެ އެވެ.

މިއަދަކީ މި އަހަރުގެ ޙައްޖު ދުވަހެވެ. މިއަދު އަރަފާތު ބިމުގައި ތިބެ މެންދުރު ނަމާދަށް ފަހު، އިމާމުމީހާ ޙައްޖު ޚުތުބާ ދެއްވާނެއެވެ. އެއަށް ފަހު ޙައްޖުވެރީން މިއަދުގެ މެންދުރު ނަމާދާއި އަސްރު ނަމާދު ޖަމްއުކޮށް ގަސްރު ކުރާނެއެވެ. އެ ނަމާދުތަކަށް ފަހު އަރަފާތުގެ ސަރަހައްދަށް ގޮސް، އިރުއޮއްސެންދެން ޙައްޖުވެރިން އެ ތަނުގައި ތިބޭނެއެވެ.

ޙައްޖުވެރިން މިއަދު ހޭދަކުރާނީ ދުޢާކުރުމާއި އިސްތިޣުފާރު ކުރުމާއި ޒިކުރު ކުރުމުގައެވެ. އެ ގޮތުން ޚުޝޫޢަތްތެރިކަމާ އެކު ﷲ ތައާލާއަށް ކުރިމަތިލައިގެންހުރެ، އަމިއްލަ ނަފުސަށާއި، އަހުލުންނާއި މުސްލިމުން އަޚުންނަށް ހެޔޮ ދުއާ ކުރާނެއެވެ.

​ މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު