ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންގްސްއިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދައްކަވަމުންދާ ހަރުދަނާ ލީޑަރޝިޕަށް މާލީ ވަޒީރު މޫސާ ޒަމީރު ތައުރީފް ކުރަށްވައިފިއެވެ.

ފިޗުން މިއަދު އިއުލާންކުރި ގޮތުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން ވަނީ 'ސީސީ' އިން، އޭގެ ޖެހިގެން އޮންނަ މަތީ ރޭޓިން ކަމަށްވާ 'ސީސީސީ މައިނަސް'އަށް ބަދަލުކޮށްފައެވެ.

މިނިސްޓަރު ޒަމީރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފައިވަނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުވަމުން އަންނަކަން ފާހަގަކޮށް ކަމަށެވެ. ވަޒީރު ވިދާޅުވި ގޮތުގައި މި ކުރިއެރުމަކީ މިދިޔަ އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު ދިވެހި ސަރުކާރުން އަނބުރާ ދެއްކުމާ ގުޅިގެން ލިބުނު ކުރިއެރުމެކެވެ.



ދައުލަތުގެ މާލީ ނިޒާމު އިޞްލާޙުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދައްކަވާ ހަރުދަނާ ލީޑަރޝިޕާއި ދެއްވާ އިރުޝާދަށްޓަކައި، މިނިސްޓަރު ޒަމީރު ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.މި އިޞްލާޙީ ފިޔަވަޅުތަކަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށް އެޅުނު މުހިންމު ބިންގަލެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ދިވެހި ސަރުކާރުގެ އެންމެ ބޮޑު އިސްކަމަކީ ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ހަމަޖެހުން ގާއިމުކޮށް، ދަރަނި އަދާކުރުމުގެ ޤާބިލުކަން ދެމެހެއްޓެނިވި މިންގަނޑަކަށް ގެނައުމެވެ. އަދި އެކަމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ސަރުކާރުން ސާބިތުކަމާއެކު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވެސް ވަޒީރު ވަނީ ދެއްވާފައެވެ.

ފިޗް ރޭޓިންގްސްގެ މި ނިންމުމަކީ ބައިނަލްއަޤްވާމީ މާލީ ބާޒާރުގައި ރާއްޖެއަށް އޮތް އިތުބާރު ބޮޑުވެ، އިޤްތިޞާދީ ގޮތުން ރާއްޖެ އޮތް މިސްރާބު ރަނގަޅުކަން ހާމަކޮށްދޭ ކަމެއް ކަމަށް މާލީ މާހިރުން ދެކެވަޑައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު