ނ. ލަންދޫ-
ނ. ލަންދޫ-
ނ. ލަންދޫގައި ހުމުގެ ރޯގާއެއް ހަލުވިކަމާއެކު ފެތުރި، ގިނަ ބަޔަކު ބަލިވަމުންދާތީ އެ ބަލި ދެނެގަތުމަށްޓަކައި ކޮވިޑް-19 އާއި އިންފްލުއެންޒާއަށް ޓެސްޓުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފާދީފިއެވެ.

ލަންދޫ ސިއްހީ މަރުކަޒުން މައުލޫމާތު ދޭ ގޮތުގައި މި ރޯގާގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުންއައުމާއި، ކެއްސުމުގެ އިތުރުން މީހާ މާބޮޑަށް ވަރުދެރަވުން ހިމެނެއެވެ. މި ބަލި އެ ރަށުގައި ފެތުރެން ފަށާފައިވަނީ މިހާރު ހިނގަމުންދާ ޗުއްޓީ ދުވަސްވަރާ ދިމާކޮށް، ހައްޖު ދުވަހުގެ ފަހުންނެވެ. އެ ދުވަހުން ފެށިގެން ސިއްހީ މަރުކަޒަށް ފަރުވާ ހޯދަން އަންނަ މީހުންގެ އަދަދު ވަނީ އާދަޔާ ހިލާފަށް މައްޗަށް ގޮސްފައެވެ.

އެ ރަށު ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މިހާރު ކޮންމެ ދުވަހަކުވެސް 30 އަށްވުރެ ގިނަ މީހުން ބަލިވެގެން ޑޮކްޓަރަށް ދައްކައެވެ. މީގެ ތެރޭގައި ހާލަތު ބޮޑުވެގެން އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންވެސް މަދެއް ނޫނެވެ.

ބަލިމަޑުކަމުގެ ސަބަބުން ސްކޫލަށް ހާޒިރުވާ ކުދިންގެ އަދަދު މަދުވެފައިވީ ނަމަވެސް، ސްކޫލް ބަންދުކުރުމުގެ ނިންމުމެއް އަދި ނުނިންމައެވެ. ސިއްހީ މަރުކަޒުން ބުނީ ސްކޫލާ މެދު ގޮތެއް ނިންމާނީ މިހާރު ނަގަމުންދާ ސާމްޕަލްތަކުގެ ނަތީޖާއަށް ބެލުމަށްފަހު ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންފްލުއެންޒާ އާއި އަރިދަފުސް ރޯގާ އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ މީގެ ކުރިންވެސް އަންގާފައެވެ. ލަންދޫގެ ސިއްހީ މަރުކަޒުން މިހާރު ދަނީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު