ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހިޖުރީ އައު އަހަރެއް ފެށިގެން އަންނައިރު، ކީރިތި ރަސޫލާ ﷺ މައްކާއިން މަދީނާއަށް ކުރެއްވި ތާރީޚީ ހިޖުރައިގެ މަތިވެރި ޢިބުރަތްތަކާ މެދު ފުންކޮށް ވިސްނައި، އެއިން ދަރުސް ލިބިގަތުމަކީ މިއަދު ކޮންމެ މުސްލިމަކު ކުރަންޖެހޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ހިޖުރައިގެ މާނައަކީ ހަމައެކަނި އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުން ނޫންކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުން ކަމަށެވެ. މިކަމާ ގުޅޭގޮތުން ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވަނީ އެންމެ މާތް ހިޖުރައަކީ ތިމާގެ ވެރިރަސްކަލާނގެ ރުހިވޮޑިނުގަންނަވާ ކަންތައްތައް ދޫކޮށްލުން ކަމަށް ޚުތުބާގައިވެއެވެ.

ޚުތުބާގައި ބުނީ ކީރިތި ރަސޫލާ ﷺ މައްކާއިން ނުކުމެވަޑައިގެންނެވީ އެކަލޭގެފާނު އެންމެ ލޯބިފުޅުވި އުފަން ބިމާއި، ގާތްތިމާގެ ބޭފުޅުން އިސްލާމްދީނުގެ ދިފާޢުގައި ޤުރުބާން ކުރަށްވަމުން ކަމަށެވެ. "ތިޔަ ރަށުން ތިމަންކަލޭގެފާނު ނެރެނުލެވުނު ނަމަ ތިޔަރަށުން ތިމަންކަލޭގެފާނު ނުކުމެވަޑައެއް ނުގެންނެވީމުހެވެ." މައްކާއާ މުޚާޠަބު ކުރައްވައި އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅުން ދީނަށްޓަކައި ވެވަޑައިގެންނެވި ބޮޑު ޤުރުބާނީ ހާމަވެގެންދެއެވެ.

މީގެ އިތުރުން، އުންމު ސަލަމާއާއި އަބޫސަލަމާގެ ޢާއިލާ ވަކިވެދިޔަ ދިއުމާއި، ޞުހައިބުއްރޫމީ އެކަލޭގެފާނުގެ މުޅި މުދާ ދޫކޮށްލެއްވި ދޫކޮށްލެވުމަކީ ދީނަށްޓަކައި ވީ މަތިވެރި ޤުރުބާނީތަކެކެވެ. ޞުހައިބުގެފާނުގެ މި ޢަމަލާ ގުޅިގެން "ޞުހައިބު ފައިދާހުރި ވިޔަފާރިއެއް ކުރައްވައިފި" ކަމަށް ރަސޫލާ ﷺ ވަނީ ޙަދީޘް ކުރަށްވާފައެވެ.

ހިޖުރައިގެ ދަތުރުފުޅަކީ ފުރިހަމަ ރޭވުންތެރިކަމުގެ ނަމޫނާއެކެވެ. ހަތަރު މަސް ކުރިން ދަތުރުގެ ސަވާރީ ތައްޔާރުކުރެއްވުމާއި، ޢަލީގެފާނު ރަސޫލާގެ ދާންމަތިކޮޅުގައި އަވަހާރަފުޅުލެއްޕެވުމާއި، އަސްމާ ބިންތި އަބޫބަކުރު ފަރުބަދައަށް އަރުއްވައި ފަރިއްކޮޅު އެރުވުމަކީ ވަރަށް ބޮޑު ރޭވުންތެރިކަމާއެކު ކުރެވުނު ކަމެއްކަން ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ.

ހަމައެއާއެކު ޚުތުބާގައި ބުނީ، ކޮންމެ ދަތި ޙާލަތެއްގައިވެސް މާތް ﷲ އަށް ވަކީލުކުރުމުގެ މުހިންމުކަން ހިޖުރައިން ދަސްކޮށްދޭ ކަމަށެވެ. އެގޮތުން ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ތިއްބެވިއިރު، ދެ ބޭކަލުންނާއެކު ތިންވަނަ ފަރާތެއްގެ ގޮތުގައި މާތް ﷲ ވޮޑިގެންވާކަމަށް ރަސޫލާ ﷺ ދެއްވި ޔަޤީންކަމަކީ އީމާންކަމުގެ ވަރުގަދަ މިސާލެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ޚުތުބާ ނިންމާލަމުން ގޮވާލާފައިވަނީ، ހިޖުރައިގެ މި މަތިވެރި ޙާދިޘާއިން ޢިބުރަތް ލިބިގަނެ، އިސްލާމްދީނާ ޚިލާފު ކަންކަން ދޫކޮށް، މާތް ﷲ އާއި އެކަލާނގެ ރަސޫލާގެ މަގަށް ހިތާއި ނަފްސުން ހިޖުރަކުރުމަށެވެ. މިއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅިގެންދިޔަ މަތިވެރި ފެށުންކަންވެސް ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު