އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވުމާ ގުޅިގެން، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް މަރުހަބާ ވިދާޅުވެ، ސަރުކާރު ބަލިކުރުމުގެ ރަސްމީ މަސައްކަތް ފެށިއްޖެ ކަމަށް އިއުލާނު ކުރައްވައިފިއެވެ.

މި ކާމިޔާބީއާ ގުޅިގެން ފައްޔާޒު ކުރެއްވި ޕޯސްޓެއްގައި، ރައީސް ނަޝީދަށާއި އެމްޑީޕީގެ ހުރިހާ މެންބަރުންނަށް މަރުހަބާ ދަންނަވަމުން ވިދާޅުވީ، މާތް اللهގެ ވާގިފުޅާއެކު ޕާޓީއަށް ބޮޑު ކާމިޔާބެއް ލިބިފައިވާ ކަމަށެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި މުޅި ރާއްޖޭގައި އެމްޑީޕީގެ "ރީނދޫ ލަޝްކަރު" ރުކުރުވާލެވިފައި އޮތް މަންޒަރު ފެނުމަކީ ލިބުނު ބޮޑު އުފަލެއްކަން ފާހަގަކުރައްވައި، ކެމްޕޭން ޓީމުން ކުރި ބުރަ މަސައްކަތަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.



"ހިތަށް ވީ ތަދުގެ ބަދަލު ހޯދުމަށް ވުރެ މި ރާއްޖެ އިސްކޮށް ތިޔަ ދެއްވީ މުހިންމު ވޯޓެއް."ފައްޔާޒު ވިދާޅުވިއެވެ.

އިންތިހާބުގައި ވޯޓުލީ އާންމު މެންބަރުންނަކީ ޕާޓީގެ މިސްރާބު ކަނޑައަޅައިދޭ ވިންދުކަން މިއަދު ސާބިތުކޮށްދީފި ކަމަށް ފައްޔާޒު ވިދާޅުވިއެވެ. މީގެ އިތުރުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމާއި އޭނާގެ ކެމްޕޭން ޓީމުން ދެއްކެވި ހިތްވަރަށް ފައްޔާޒު ވަނީ ސާބަސް ދެއްވާފައެވެ.

ފައްޔާޒު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ރައީސް ނަޝީދަށް މެންބަރުން ދެއްވި ވޯޓާއެކު ރާއްޖެއަށް "ބޮޑު ބަދަލު" ގެނައުމުގެ މަސައްކަތް މިއަދު މިވަނީ ފެށިފައެވެ. އަދި އެމްޑީޕީގެ މެންބަރުން ތިބީ ބޮޑު ބަދަލަކަށް ތައްޔާރަށްކަން ހާމަކޮށްދީފައިވާތީ، ދެން އޮތް ފިޔަވަޅަކީ ބަދަހި ސަފުތަކަކާއެކު ނުކުމެ މިހާރު އޮތް ސަރުކާރު ބަލިކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު