އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވުމާ ގުޅިގެން، މިއީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، ދެން އޮތީ އެންމެން އެކުގައި ބާރަށް ކުރިއަށް ދިއުން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންތިހާބުގެ ނަތީޖާއަށްފަހު ޕާޓީގެ އެތެރޭގެ ބަދަހިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އިންތިހާބުގައި ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވެސް މިހާރު ގުޅުއްވާފައިވާ ކަމަށާއި، އޭނާވެސް ހުންނެވީ އެންމެން އެކީގައި މަސައްކަތް ކުރައްވަން ތައްޔާރަށް ކަމަށެވެ. މީގެ އިތުރުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެސް މިހާރު މެސެޖެއް ފޮނުއްވާފައިވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޕާޓީ އަލުން ދިރުވުމަށްޓަކައި ކެމްޕޭން ޓީމުތަކުންނާއި އާންމު މެންބަރުން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވައި، ރައީސް ނަޝީދު ވަނީ ސައްތަ އިންސައްތަ އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެންމެ އިސްކަމެއް ދެއްވާނީ ޕާޓީގެ ކުރިއަށް ހުރި ކަންތައްތައް ދެނެގަނެ، އޮފީހަށް ގޮސްގެން އެ މަސައްކަތްތައް ރާވާލުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ނިންމަވާލައްވަމުން ވިދާޅުވީ، ސަރުކާރު ބަންދު ދުވަސްތަކަށްފަހު ހުޅުވޭ އާދީއްތަ ދުވަހުން ފެށިގެން، ޕާޓީގެ އެންމެން އެކީގައި ވަރަށް ބާރަށް ކުރިއަށް ދިއުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު