އެމްޑީޕީގެ މާލިމީކަން ނުވަތަ ޗެއަރޕަރސަންކަން ކާމިޔާބު ކުރެއްވުމަށްފަހު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

އެމްޑީޕީގެ ޗެއަރޕަރސަންގެ މަޤާމު ކާމިޔާބު ކުރެއްވުމަށްފަހު ބޭއްވި އިޙްތިފާލެއްގައި ވާހަކަފުޅު ދައްކަވަމުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ސަރުކާރުން ހިންގާ ބޭއިންސާފު ކަންކަމާ ދެކޮޅަށް އެމްޑީޕީން މަގުމައްޗަށް ނުކުމެ ސީދާ ހަރަކާތް ފަށާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ދިވެހިރާއްޖެއަކީ އެންމެހާ ރައްޔިތުންގެ ޤައުމެއްކަން ފާހަގަކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ ޤައުމުގެ މިނިވަންކަމާއި، ސަލާމަތާއި، ރައްޔިތުންގެ ފުދުންތެރިކަން ހިމާޔަތްކުރުމުގައި އެމްޑީޕީން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.ޚާއްޞަކޮށް، އިންތިޚާބާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކުގައި (އެސްއޯއީ) މަސައްކަތްކުރާ އެމްޑީޕީގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި ފިޔަވަޅު އަޅަމުންދާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ. މިފަދަ ފިޔަވަޅުތަކަށް ފަސްނުޖެހޭނެ ކަމަށް ވިދާޅުވަމުން، ސަރުކާރުން ހިންގާ ނޭދެވޭ އަމަލުތައް ވަގުތުން ހުއްޓާލުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ސަރުކާރުގެ ހުރިހާ ފިޔަވަޅުތަކެއް އެމްޑީޕީން ވަރަށް ގާތުން ބަލައި، ޒިންމާދާރުކަމާއެކު ފާރަވެރިވަމުންދާނެ ކަމުގެ ޔަޤީންކަން ވެސް ރައީސް ނަޝީދު ދެއްވިއެވެ.

"ސަރުކާރުން ޖެހޭނީ ބޭއިންސާފުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލަން، އެމްޑީޕީން ސީދާ ޙަރަކާތަށް ދާނަން. އަޅުގަނޑުމެން ތިބޭނީ ސަރުކާރުން ކުރާ ކަންކަން ބަލަބަލަ، އަދި ސަރުކާރަށް އަބަދުވެސް ފާރަވެރިވާނަން." ނަޝީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު