މިއަދު ބޭއްވެވި ބައްދަލު ކުރެއްވުން-
މިއަދު ބޭއްވެވި ބައްދަލު ކުރެއްވުން-
އެމްޑީޕީގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދު ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާޢީލް ރަފީޤާއި، މިއަދު ބައްދަލު ކުރަށްވައިފިއެވެ.



އެމްޑީޕީން މިއަދު ބުނީ، އެމްޑީޕީގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދު ފުވަމުލަކު ސިޓީގެ މޭޔަރު އިސްމާޢީލް ރަފީޤާއި، މިއަދު ބައްދަލު ކުރަށްވާފައިވާ ކަމަށެވެ. މި ބައްދަލުވުމުގެ މާބޮޑު ތަފްސީލެއް އެމްޑީޕީން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފުވައްމުލަކު ސިޓީގެ ކުރިއެރުމަށް އެމްޑީޕީއަށް ފޯރުކޮށްދެވިދާނެ އެހީތެރިކާމާމެދު މޭޔަރާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރެއްވި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ރައީސް ނަޝީދު އިއްޔެ ވަނީ، ގދ. ތިނަދޫ ސިޓީގެ މޭޔަރާއި، މާލޭ ސީޓީގެ މޭޔަރާއި، ހދ. ކުޅުދުއްފުށި ސިޓީގެ މޭޔަރުގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރާއި ބައްދަލު ކުރަށްވާފައެވެ. ހަމައެއާއެކު އެމަނިކުފާނު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެންބަރުންނާއި ބައްދަލު ކުރަށްވާފައެވެ.



ހަމައެއާއެކު ރޭ އެމްނިކުފާނު ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހާވެސް ބައްދަލު ކުރަށްވައި ޕާޓީގެ ޙަރަކާތްތައް މުޅި ރާއްޖޭގައި ރުކުރުވާލުމުގެ މަސައްކަތް ފަށްޓަވާފައެވެ. އަދި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި، އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދާއި، އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަލްއުސްތާޛް އަޙްމަދު މައުރޫފާއި ވެސް އިއްޔެ ބައްދަލު ކުރެއްވިއެވެ.

އޭގެއިތުރުން ރައީސް ނަޝީދު އިއްޔެ ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއީލް އަޙްމަދު ނަސީމާއި ވެސް ބައްދަލު ކުރަށްވައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދަވާފައެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބޮޑު ތަފާތަކުން ރައީސް ނަޝީދު ކާމިޔާބުކުރެއްވީ މީކާއީލާއި ވާދަ ކުރެއްވުމަށް ފަހުގައެވެ. ހުކުރު ދުވަހު ބޭއްވި އިންތިހާބު ރައީސް ނަޝީދު ކާމިޔާބުކުރެއްވީ 68.9 ޕަސަންޓު ވޯޓުންނެވެ. އެއީ ވޯޓުލީ 30،895 މީހުންގެ ތެރެއިން 21،301 މީހުންގެ ވޯޓެވެ. އެމަނިކުފާނާ ވާދަކުރެއްވި މީކާއީލަށް ލިބިވަޑައިގަތީ 30 ޕަސަންޓު ވޯޓެވެ.

އިންތިހާބަށްފަހު މީކާއީލާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ޕާޓީގެ މަސައްކަތްތަކުގައި އެކުގައި ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި ހޮނިހިރު ދުވަހު އެމަނިކުފާނު ވަނީ ޕާޓީގެ އިދާރީ މުވައްޒަފުންނާ ބައްދަލުކުރައްވައި ޕާޓީގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތުތައް އޮޅުންފިލުއްވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު