ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ކޮރަޕްޝަނާއި ރިޝްވަތަކީ އިންސާނާގެ ފިޠުރަތު އެކަމަށް ނުރުހޭ، އަދި މުޅި އިޖުތިމާޢީ ނިޒާމު ފުނޑުފުނޑުކޮށްލާ ނުރައްކާތެރި ބަލިމަޑުކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ކޮރަޕްޝަނާއި ރިޝްވަތުގެ ނުރައްކާތެރިކަން" މި މައުޟޫޢަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކޮރަޕްޝަނަކީ މަޤާމުގެ ނުފޫޒު ނުވަތަ ލިބިފައިވާ އިޚުތިޔާރެއް ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަމިއްލަ ފައިދާއެއް ހޯދުމަށް ނުވަތަ ހޯދައިދިނުމަށް ކުރެވޭ ކޮންމެ ކަމެކެވެ. މިއީ ތިމާއާ ޙަވާލުވެވިފައިވާ އަމާނާތަށް ޚިޔާނާތްތެރިވުން ކަމަށާއި، މިފަދަ ކަންކަމާ މެދު ޤިޔާމަތް ދުވަހުން ސުވާލުވެވޭނެ ކަމަށް ޚުތުބާގައި ހަނދާންކޮށްދިނެވެ.

ޚުތުބާގައި ފާހަގަކުރި ގޮތުގައި ކޮރަޕްޝަނުގެ އެންމެ ނުރައްކާތެރި ބާވަތަކީ ރިޝްވަތެވެ. ރިޝްވަތަކީ ޙައްޤުނޫން އެއްޗެއް ހޯދުމަށް ނުވަތަ ބާޠިލު ކަމެއް ޙައްޤު ކަމަކަށް ހެދުމަށް ދެވޭ ކޮންމެ އެއްޗެކެވެ. ރިޝްވަތު ދޭ މީހާއާއި ރިޝްވަތު ހިފާ މީހާއަށް ރަސޫލުﷲ ﷺ ލަޢުނަތް ލެއްވިކަން ބަޔާންކުރައްވައި، މިއީ އިލާހީ ކޯފާއަށް ހުށަހެޅޭނެ ބޮޑުވެގެންވާ ފާފައެއްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

ކޮރަޕްޝަނުގެ ސަބަބުން މުޖުތަމަޢަށް ކުރާ ނޭދެވޭ އަސަރުތަކަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، މީގެ ސަބަބުން އިޖުތިމާޢީ ޢަދުލުވެރިކަން ނެތިގޮސް، ފަޤީރުކަން އިތުރުވެ، އިޤުތިޞާދުގެ ތަނބުތައް ފުނޑުފުނޑުވާ ކަމަށެވެ. އަދި މިއީ ގައުމުގެ ތަރައްޤީއަށް ހުރަސްއެޅި، ނާއިންސާފާއި ބިރުވެރިކަން ޢާންމުވާ ކަމެއް ކަމަށްވެސް ބުންޏެވެ.

ޚުތުބާގައި އިތުރަށް ބުނެފައިވަނީ، ކޮރަޕްޝަނާއި ރިޝްވަތަށް މަގުފަހިވާ މައިގަނޑު އެއް ސަބަބަކީ ނަފުސުގެ ދަހިވެތިކަން ކަމަށެވެ. ނަމަވެސް ހަގީގީ މުއްސަނދިކަމަކީ މުދާ ގިނަވުން ނޫން ކަމަށާއި، އެއީ ނަފުސުގެ ފުދުންތެރިކަން ކަމަށް ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުން އެނގޭ ކަމަށް ޚުތުބާގައި ބުންޏެވެ.

"ކިތަންމެ ކުޑަ ނަމަވެސް ޒިންމާއެއް ނުވަތަ މަސްއޫލިއްޔަތެއް ޙަވާލުވެފައިވާ މީހުން، ނަހަމަ މަންފާއާ ދުރުހެލިވާންޖެހޭނެ. ތިނޯހެއްގެ މިންވަރު ނަމަވެސް ޚިޔާނާތްތެރިވެއްޖެ މީހަކު، ޤިޔާމަތް ދުވަހު އެ ޚިޔާނާތާއިގެން އަންނަން ޖެހޭނެ،" ޚުތުބާގައި ބުންޏެވެ.

ޚުތުބާ ނިންމާލަމުން، ހުރިހާ މުސްލިމުންނަށް ގޮވާލާފައިވަނީ ކޮރަޕްޝަނާއި ރިޝްވަތުގެ ނުބައި ޢަމަލުތަކުން ދުރުހެލިވެ، ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމުގެ ސިފަ އަށަގަންނުވައި، މާތް ﷲ ގެ ރުހުން ހޯދުމަށް މަސައްކަތް ކުރުމަށެވެ. އަދި ބާއްޖަވެރި ދިރިއުޅުމެއް ލިބޭނީ ޞާލިޙު ޢަމަލުކޮށް، ޙަރާމް ކަންކަމުން ދުރުހެލިވެގެން ކަމަށްވެސް ޚުތުބާގައި ހަނދާންކޮށްދިނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް