ހޯރަފުށި-
ހޯރަފުށި-
ހއ. ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބި ތިން ކުއްޖަކު، އެ ރަށު މީހަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. މި ހާދިސާގައި ތުހުމަތު ކުރެވެނީ އެ މަރުކަޒުގައި ތިބި ތިން ކުއްޖަކު މަރުކަޒުން ބޭރަށް ނުކުމެ، އެ ރަށުގެ އާންމު ފަރުދަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށެވެ.

މި މާރާމާރީއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ބަލަމުންނެވެ. އަދި މި ހާދިސާ ހިނގާދިޔަ ގޮތުގެ ތަފްސީލު ދެނެގަތުމަށާއި، މިކަމުގައި އިހުމާލެއް އޮތްތޯ ބެލުމަށްޓަކައި ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ ގާތުން މަސައްކަތް ކުރަމުންނެވެ.

ހޯރަފުށީގައި ގާއިމުކޮށްފައިވާ މި ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަކީ ކުށުގެ ވެށީގައި އުޅޭ ކުދިންނާއި، އެކި ކަހަލަ އަހުލާގީ މައްސަލަތައް ދިމާވާ ކުދިން އިސްލާހުކޮށް ތަރުބިއްޔަތު ކުރުމަށް ދައުލަތުން ހިންގާ މަރުކަޒެކެވެ. މިފަދަ މަރުކަޒެއްގައި ތިބި ކުދިންތަކެއް ބޭރަށް ނުކުމެ މާރާމާރީ ހިންގި މައްސަލައާ ގުޅިގެން، އެ ރަށުގެ އާންމުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ. އަދި ރޭގެ ވަގުތެއްގައި އެރަށު މީހުން ވަނީ މުޒާހަރާވެސް ކޮށްފައެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް