ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ)
ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ)
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިމެނޭ ހިޔާ ފްލެޓްތަކާއި ވިނަރެސް ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މުނިސިޕަލް ޚިދުމަތްތައް ދިނުމުގައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބޮޑުތަނުން އިހުމާލުވަމުންދާ ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ވިދާޅުވެއްޖެއެވެ.

ޒަހިއްޔާ މިހެން ވިދާޅުވީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ރަސްމީ އާއްމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒަހިއްޔާ ވިދާޅުވީ، ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ދަތިކަމަކީ އެ ސަރަހައްދުގައި އިމާރާތް ކުރަން ފަށާފައިވާ މިސްކިތްތަކުގެ މަސައްކަތް ހުއްޓިފައި ހުރުން ކަމަށެވެ. ހިޔާ އަދި ވިނަރެސް ސަރަހައްދުގައި އަޅަން ފެށި ތިން މިސްކިތެއްގެ މަސައްކަތް ހުއްޓިފައި އޮންނާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ސަބަބުން، ހުކުރު ދުވަސްތަކުގައި މިސްކިތްތަކުގެ ޖާގަ ނުލިބި، ގިނަ އަދަދެއްގެ ރައްޔިތުންނަށް އަވީގައި ތިބެގެން ނަމާދުކުރަން ޖެހުމުގެ ތަކުލީފު އުފުލަން ޖެހިފައިވާ ކަމަށް ޒަހިއްޔާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދެވަނަ ފިޔަވަހީގައި އާދަޔާޚިލާފަށް މަދިރި ގިނަވެފައިވާއިރު، އެކަން ހައްލުކުރުމަށް އެޗްޑީސީން އެއްވެސް މަސައްކަތެއް ނުކުރާ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށް ޒަހިއްޔާ ވިދާޅުވިއެވެ. މަދިރީގެ ސަބަބުން ޖެހޭ ބަލިތައް އިތުރުވަމުންދާ ދުވަސްވަރެއްގައި، މިފަދަ ހައްސާސް މައްސަލަތަކަށް އިހުމާލުވުމަކީ ރައްޔިތުންގެ ސިއްހަތު ނުރައްކަލަށް ހުށަހެޅޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އިންތިހާޔަށް މަދިރި ގިނަވެފައި ވާއިރު ވެސް އެޗްޑީސީން މަދިރި ނައްތާލަން މަސައްކަތެއް ނުކުރޭ. ފޮގް ނުކުރާކަން ވެސް ހިތާމަޔާއެކު ފާހަގަކުރަން،" ޒަހިއްޔާ ވިދާޅުވިއެވެ.

ޕާކިންގްގެ މައްސަލައަށް އަލިއަޅުވާލައްވަމުން ޒަހިއްޔާ ވިދާޅުވީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި އިރު އިއުލާން ކުރެއްވި ޕާކިންގް ބިލްޑިންގްތަކުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ. އަދި ވިނަރެސް ފްލެޓްތައް ވިއްކިއިރު ބުނެފައިވާ ފަދަ ހިތްފަސޭހަ މައިޒާންތަކާއި ޕާކުތައް ހެދުމުގެ އެއްވެސް މަސައްކަތެއް އެޗްޑީސީއާއި އެފްޑީސީން ކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭގެއިތުރުން ޒަހިއްޔާ ވަނީ، ފްލެޓްތައް މެއިންޓެއިން ނުކުރުމުގެ ސަބަބުން ކުދި ކުރަފި ފަދަ ސޫފިތައް އާލާވުމާއި، ކަރަންޓު ކެނޑޭ ވަގުތުތަކުގައި ލިފްޓާއި ފެން ލިބުމުގައި ދަތިތައް ކުރިމަތިވާ ކަމުގެ ޝަކުވާތައް ވެސް އިތުރުވެފައިވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ބައެއް މަގުތައް އާދަޔާޚިލާފަށް އަނދިރިކޮށް އޮތް ނަމަވެސް، އެކަން ހައްލުކުރުމަށް އެޗްޑީސީން އެކަށީގެންވާ މަސައްކަތެއް ކުރާތަން ނުފެންނަ ކަމަށް ވިދާޅުވެ، ޒަހިއްޔާ ވަނީ މިއީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ދިނުމުގައި އެޗްޑީސީ ފެއިލްވެފައިވާކަމުގެ ހެކިތަކެއް ކަމަށް ސިފަކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު