ލަންކާއިން ޕެސެންޖަރު ޑްރޯންގެ ހިދުމަތް ފެށުން
ލަންކާއިން ޕެސެންޖަރު ޑްރޯންގެ ހިދުމަތް ފެށުން
ދެކުނު އޭޝިއާގައި ފުރަތަމަ ފަހަރަށް ޕެސެންޖަރު ޑްރޯންގެ ހިދުމަތް ތައާރަފުކުރުމަށް ސްރީ ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ތައްޔާރުވަމުންދާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މި މަޝްރޫއަކީ ލަންކާގައި ޒަމާނީ އެއާ މޮބިލިޓީ ނުވަތަ "އެޑްވާންސްޑް އެއާ މޮބިލިޓީ" ތައާރަފުކުރުމުގެ ގޮތުން ފަށާ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށް އެ އޮތޯރިޓީގެ ޑިރެކްޓަރު ޖެނެރަލް ދަމިންދަ ރަމްބުކްވެއްލާ ވިދާޅުވިއެވެ.

މި މަޝްރޫއުގެ ފުރަތަމަ ދެ މަރުހަލާ މިހާރު ނިންމާލެވިފައިވާ ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން ޕައިލެޓް ޕްރޮގްރާމް ފެށުމަށް ފައިނަލް ތައްޔާރީތައް ވަމުން އަންނަ ކަމަށް އޮތޯރިޓީން މައުލޫމާތު ދެއެވެ.

މި މަޝްރޫއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ޓީމެއް މި މަހުގެ ފަހުކޮޅު ލަންކާއަށް އައުމަށް ހަމަޖެހިފައިވެއެވެ. މި ޑްރޯންތަކަކީ ހަ މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އިލެކްޓްރިކް އުޅަނދުތަކެކެވެ.

މި ހިދުމަތުގެ ބޭނުމަކީ ހަމައެކަނި މީހުން އުފުލުން އެކަންޏެއް ނޫނެވެ؛ އޭގެ ބަދަލުގައި މުދާ އުފުލުމާއި، ކުއްލި ހާލަތްތަކުގައި ބޭސްފަރުވާގެ ސާމާނު ފޯރުކޮށްދިނުމާއި، އާންމު އުޅަނދުތަކަށް ދާން އުނދަގޫ ދުރު ހިސާބުތަކަށް ފަސޭހައިން ދަތުރުކުރުން ހިމެނެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ވެސް މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ރީތި މަންޒަރުތައް ބަލާލުމަށް ދަތުރުތައް ކުރުމުގެ ފުރުސަތު އޮތް ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

މި މަޝްރޫއު ކުރިއަށްގެންދަނީ ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ކަމަށާއި، މިކަމަށް ބޭނުންކުރާ ޑްރޯންތަކުގެ އަގު ބޮޑެތި އިލެކްޓްރިކް ކާރުތަކަށްވުރެ ހެޔޮވާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު