އިގިރޭސި އަސްކަރީ މަނަވަރު
އިގިރޭސި އަސްކަރީ މަނަވަރު
ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗަކުން އިނގިރޭސިވިލާތް ބަލިކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އެ ގައުމުގެ އަސްކަރީ މަނަވަރެއް އާޖެންޓީނާގެ ކަނޑުގެ ސަރަހައްދަށް ގާނޫނާ ހިލާފަށް ވަން ކަމަށް ބުނެ އާޖެންޓީނާއިން ވަރުގަދަ ތުހުމަތުތަކެއްކޮށް، ދެ ގައުމުގެ ދެމެދުގައި ސިޔާސީ ނުތަނަވަސްކަން ބޮޑުވެއްޖެއެވެ.

މި މައްސަލައާ ގުޅިގެން އާޖެންޓީނާގެ ފޮރިން މިނިސްޓަރު ޕަބްލޯ ކިއުރްނޯ ނެރުއްވި ބަޔާނެއްގައި ވަނީ، އިނގިރޭސި ރޯޔަލް ނޭވީގެ "އެޗްއެމްއެސް މެޑްވޭ" މަނަވަރު އެއްވެސް ކަހަލަ ހުއްދައެއް ނުވަތަ އެންގުމަކާ ނުލައި އާޖެންޓީނާގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ.

މިކަމާ ގުޅިގެން އާޖެންޓީނާއިން ވަނީ އިނގިރޭސި އެމްބަސީއަށް ރަސްމީކޮށް ނުރުހުން ފާޅުކޮށް ލިޔުމެއްވެސް ފޮނުވާފައެވެ.

އެހެންނަމަވެސް، އިނގިރޭސި ސަރުކާރުން ވަނީ މި ތުހުމަތުތައް ވަރަށް ބޮޑަށް ދޮގުކޮށްފައެވެ. އެގައުމުގެ ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ، އެ މަނަވަރު އެ ސަރަހައްދުން ދަތުރުކުރީ އެންޓާކްޓިކާގައި ހިންގާ ސައިންޓިފިކް ދިރާސާތަކަށް ބޭނުންވާ ސާމާނު ޗިލީއަށް ގެންދިއުމަށް ކަމަށާއި، މި ދަތުރުގެ މައުލޫމާތު ކުރިއާލައި އާޖެންޓީނާ ސަރުކާރާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

އަދި މޫސުމާއި ރައްކާތެރިކަމަށް ބަލައި އެންމެ ކުރު މަގު ބޭނުންކުރީ ކަމަށާއި، އިނގިރޭސި އަސްކަރިއްޔާއިން އަބަދުވެސް އަމަލުކުރަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ އިތުރަށް ހޫނުވެފައި މިވަނީ، ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އިނގިރޭސިވިލާތް ބަލިކުރުމަށްފަހު، އާޖެންޓީނާގެ ކުޅުންތެރިން ދަނޑުމަތީގައި ފޯކްލޭންޑް ޖަޒީރާތަކާ ގުޅޭގޮތުން ހިޔާލުފާޅުކުރާ ބެނާއެއް ހިފަހައްޓައިގެން އުފާފާޅުކުރުމާ ގުޅިގެން ދެ ގައުމުގެ ގުޅުން މިހާރުވެސް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު