އިސްރާއީލުގެ ސިފައިން
އިސްރާއީލުގެ ސިފައިން
ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބެތުލެހެމްގެ ހުޅަނގު ފަރާތުގައި އޮންނަ ހުސާން އަވަށުގައި އިސްރާއީލް ސިފައިން ހިންގި އުދުވާނީ އަމަލުތަކެއްގެ ސަބަބުން އެ ސަރަހައްދުގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެއްޖެ އެވެ.

ވަފާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލު ސިފައިން ވަނީ ހުސާން އަވަށުގެ މިސްކިތަކަށް ވަދެގަނެ، ފަތިސް ނަމާދަށް ބަންގި ގޮވުމަށް ހުރަސްއަޅައި، އެތަނުގައި ތިބި މީހުން ފަހާލައިފަ އެވެ. އެއަށްފަހު، އެ މިސްކިތުގައި ތިބި މީހުންނާ ދެކޮޅަށް ސްޓަން ގްރެނޭޑާއި ކަރުނަގޭސް ބޭނުންކޮށްގެން އިސްރާއީލު ސިފައިން ވަނީ ބާރުގެ ބޭނުންކޮށް ހަމަލާދީފަ އެވެ.

މި އަމަލުތަކުގެ އިތުރުން، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ދަތުރުފަތުރުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ ގޮތުން އިސްރާއީލް ސިފައިން ވަނީ އަލް-އަރުގޫބް އަވަށަށް ވަދެވެން ހުރި ހުރިހާ މަގުތަކެއް ބަންދުކޮށްފަ އެވެ.

އަދި ނަހާލިން އަވަށުގެ މައި ދޮރުމަތިން ދަތުރުކުރި އެ އަވަށުގެ ރައްޔިތަކަށް އިސްރާއީލު ސިފައިން އަނިޔާކޮށްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

އިސްރާއީލުން ހިންގަމުންދާ މިފަދަ އަމަލުތަކަކީ ފަލަސްތީނުގެ ރައްޔިތުންގެ ދީނީ މިނިވަންކަމާއި، އާންމު ދިރިއުޅުމުގެ ޙައްޤުތަކަށް އަރައިގަތުމުގެ ގޮތުން ކުރަމުންދާ ކަންކަން ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.



ކިޔުންތެރިންގެ ހިޔާލު