ފަލަސްޠީނުގެ ހުޅަނގު އައްސޭރި
ފަލަސްޠީނުގެ ހުޅަނގު އައްސޭރި
ފަލަސްޠީނުގެ ހުޅަނގު އައްސޭރި، ވެސްޓް ބޭންކް ގެ ދެކުނުގައި އޮންނަ އަލް-ތުވާނީ އަވަށުގައި އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ މީހުން ދިން ނުރައްކާތެރި ހަމަލާއެއްގެ ސަބަބުން ބަނޑުބޮޑު ފަލަސްޠީނު އަންހެނަކު ބަނޑުގައި އޮތް ދަރިފުޅު ނިޔާވެއްޖެއެވެ.

ޚަލީލް (ހީބްރޯން) ގެ ދެކުނުގައި ހުންނަ މަސާފަރް ޔައްތާ ސަރަޙައްދުގައި އިސްރާއީލުގެ އަނިޔާވެރިކަން ރެކޯޑުކުރަމުން އަންނަ އެކްޓިވިސްޓެއް ކަމަށްވާ އުސާމާ މުޚާމްރާ ވިދާޅުވި ގޮތުގައި، ރުޤައްޔާ ރަބާއީ ނަމަކަށް ކިޔާ މި މާބަނޑު އަންހެން މީހާގެ ގެއަށް އާދީއްތަ ދުވަހު އިސްރާއީލް މީހުން ހަމަލާދީ، ގެއަށް ހިލަ އުކުމުގެ އިތުރުން ރޯކޮށްލާފައިވެއެވެ.

މި ހަމަލާގެ ސަބަބުން ލިބުނު ބޮޑު ނަފްސާނީ ބިރުވެރިކަމާއި ޝޮކާ ގުޅިގެން ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، އޭނާގެ ޙާލު ގޯސްވެ އަންގާރަ ދުވަހު އަލުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ބެލުމަށްފަހު ޑޮކްޓަރުން ކަށަވަރުކޮށްދީފައިވަނީ ލިބުނު ޝޮކާ ގުޅިގެން ބަނޑުގައި އޮތް ދަރިފުޅު ނިޔާވެފައިވާ ކަމަށެވެ.

މި ހަމަލާއާ އެކު ފަލަސްޠީނުގެ އެކި ސަރަޙައްދުތަކުގައި އިސްރާއީލީ ސިފައިންނާއި ހައްދުފަހަނައޅާފައިވާ މީހުން ވަނީ އިތުރު ހަމަލާތަކެއް ދީފައެވެ. އެގޮތުން ރާމަﷲގެ އިރުމަތީގައި އޮންނަ ތުރުމުސް އަޔާ އަވަށާއި، ސަލްފީތުގެ ހުޅަނގުގައި އޮންނަ އަލް-ޒާވިޔާ އަދި ނަބުލުސްގެ އިރުދެކުނުގައި އޮންނަ ޖަލޫދު އަވަށުގެ އިތުރުން ވެސްޓް ބޭންކުގެ އެކި ސަރަޙައްދުތަކަށް ދިން ޙަމަލާތަކުގައި ދަނޑުބިންތަކާއި މުދަލުގައި ރޯކޮށް، ގިނަ އަދަދެއްގެ ފަލަސްޠީނު މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.

ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާގެ ހަނގުރާމަ ފެށުނީއްސުރެއް ވެސްޓް ބޭންކުގައި އިސްރާއީލުގެ ސިފައިންނާއި ހައްދުފަހަނައޅާފައިވާ މީހުން ދެމުންދާ ހަމަލާތައް ވަރަށް ބޮޑަށް އިތުރުކޮށްފައިވާއިރު، މި މުއްދަތުގެ ތެރޭގައި މަދުވެގެން 1,181 ފަލަސްޠީނު މީހުން ޝަހީދުކޮށްލާފައިވާ ކަމަށާއި، 13,000 މީހުންނަށް އަނިޔާވެފައިވާ ކަމަށާއި، އަދި ގާތްގަނޑަކަށް 24,000 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު