މިސްރުގެ އިސް މުފްތީ، ޝައުޤީ އައްލާމް
މިސްރުގެ އިސް މުފްތީ، ޝައުޤީ އައްލާމް
މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 ގެ ރޯގާބަލިމަޑުކަމުގައި މަރުވާ މީހުން ވަޅުކުން މަނާ ނުކުރެވޭނެ ކަމަށާއި އެމީހުން ވަޅުލާން ޖެހޭނެ ކަމަށް ވިދާޅުވެ މިސްރުގެ އިސް މުފްތީ، ޝައުޤީ އައްލާމް ފަތުވާއެއް ނެރުއްވައިފިއެވެ. މިސްރުގެ އިސް މުފްތީ މިފަދަ ފަތުވާއެއް ނެރުއްވާފައި މިވަނީ ކޯވިޑް-19 ގައި މަރުވާ މީހުން ވަޅުލުމާއި މެދު އެ ޤައުމުގެ ބައެއް ސަހަރު ތަކުގެ މީހުންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދިފައި ވާތީއެވެ.

މުފްތީގެ ފަތުވާގައި ވިދާޅުވީ އެއްވެސް އިންސާނެއް މަރުވުމަށްފަހު އޭނާ ވަޅުލުމުގެ ޙައްޤު އޭނާގެ ކިބައިން ނިގުޅައިގަތުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫންކަމަށެވެ. މުފްތީ ވިދާޅުވީ ކޯވިޑް-19 ގައި މަރުވާ ފަރާތްތަކަކީ ޝަހީދުންކަމަށާއި، ޝަހީދުންނަކީ ވަޅުލާން ޖެހޭ ބައެއް ކަމަށް ދުބާއީގައި ނެރޭ އަރަބް ނިއުސްއިން ރިޕޯޓް ކޮށްފައި ވެއެވެ. އަދި އެމީހުންގެ ވަޅުލުމުގެ ކަންތަން އަވަސްކުރަން ޖެހޭކަން ފާހަގަކުރައްވާ މުފްތީ ވިދާޅުވީ ބަލީގައި މަރުވެފައިވާ ފަރާތްތަކުގެ އާއިލާތަކުން ތަންތަނަށް އެއްވެ އުޅުމުގެ އުސޫލު ދޫކޮށްލަން ޖެހޭކަމަށެވެ.

މިމައްސަލަ ފެންމަތިވީ މިސްރުގެ އަވަށެއްގައި ކޯވިޑް-19ގައި މަރުވި އަންހެން ޑޮކްޓަރަކު އެ އަވަށުގެ ޤަބުރުސްތާނުގައި ވަޅުލުމާއި ދެކޮޅު ހެދުމުންނެވެ. އެ އަބަށުގެ މީހުން އޭނާ ވަޅުލަން ދެކޮޅު ހެދީ ބަލި ޖެހިފައިވާ މީހަކު އެ އަވަށުގައި ވަޅުލައިފި ނަމަ އެވަށުގައި ވައިރަސް ފެތުރިދާނެ ކަމުގެ ބިރަށެވެ. މިކަމާއި ދެކޮޅު ހެދުމުގެ ގޮތުން އެއަވަށުގެ މީހުން ވަނީ މުޒާހަރާވެސް ކޮށްފައެވެ. ފުލުހުން މުޒާހަރާ ރޫޅާލާފައިވަނީ ކަރުނަގޭސް ބޭނުންކޮށްގެންނެވެ. އަދި ފަހުން އެ ޑޮކްޓަރު ވަނީ އެއަވަށުގައި ވަޅުލާފައެވެ.

މިސްރުގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 1,939 އަށް އަރާފައިވާއިރު، މަރުވިމީހުންގެ އަދަދު ވަނީ 146 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން