36 ދުވަސް ވަންދެން އޮޔާދިޔަ ސްރީލަންކާގެ ދެ މަސްވެރިން
36 ދުވަސް ވަންދެން އޮޔާދިޔަ ސްރީލަންކާގެ ދެ މަސްވެރިން
ކަނޑުމަތީގައި ހާލުގައިޖެހި 36 ދުވަސް ވަންދެން އޮޔާދިޔަ ސްރީލަންކާގެ ދެ މަސްވެރިން، ބެންގޯލް ކަނޑުގެ ތެރެއިން ބަންގްލަދޭޝްގެ މަސްވެރިންގެ ބަޔަކު ސަލާމަތްކޮށްފިއެވެ.

ސަލާމަތްކުރެވުނު ދެ މީހުންނަކީ ސްރީލަންކާގެ ދެވިނުވަރާއަށް ނިސްބަތްވާ އުމުރުން 51 އަހަރުގެ ފިރިހެނަކާއި އެނާގެ 30 އަހަރުގެ ފިރިހެން ދަރިފުޅެވެ.

ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ މީހުން ފެނިފައިވަނީ ކޮކްސް ބާޒާރުގެ މުހޭޝްކާލީ ސަރަހައްދުގެ ސޮނާޗާރު ކައިރިން އޮޔާދިޔަ ފައިބަރު މަސްދޯންޏެއްގެ ތެރެއިންނެވެ. އެ މީހުން ސަލާމަތްކުރި ބަންގްލަދޭޝް ދޯނީގެ ކެޕްޓަން ޒިޔާއުރު ރަހުމާން ބުނި ގޮތުގައި، ސަލާމަތްކުރިއިރު ކާނާއާއި ސާފު ބޯފެން ހުސްވެފައިވީ ނަމަވެސް، އެ މީހުން ދިރިތިބީ ކަނޑުން ބާނާ ރޯމަސް ކައިގެންނެވެ.

މުހޭޝްކާލީ ޕޮލިސް ސްޓޭޝަނުގެ އޮފިސަރު އިން ޗާޖު މުޖީބުރް ރަހުމާން ވަނީ އެ ދެ މީހުން ސަލާމަތްކުރެވުނުކަން ކަށަވަރުކޮށްދެއްވާފައެވެ.

އަދި އެ މީހުން ކަނޑުމަތީގައި 36 ދުވަސް ހޭދަކުރި ގޮތާއި އެ މީހުންގެ މައުލޫމާތުތައް އިތުރަށް ކަށަވަރުކުރަމުންދާ ކަމަށާއި، ސްރީލަންކާގެ ކަމާބެހޭ އިދާރާތަކާ ގުޅައިގެން އެ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބަންގްލަދޭޝް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު