ޔޫނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މިސްކިތެއް
ޔޫނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މިސްކިތެއް
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި، މުސްލިމުންގެ ކިބައިގައި ތަވާޟުޢުވެރިކަމުގެ މާތް ސިފަ އަށަގަންނުވައި، ކިބުރުވެރިކަމާއި ބޮޑާކަމުން ދުރުހެލިވުމަށް ބާރުއަޅައިފިއެވެ. ތަވާޟުޢުވެރިވުމަކީ އީމާންކަން ފުރިހަމަވެ، އަޚުލާޤީ މިންގަނޑުތައް ހަރުދަނާވެ، މުޖުތަމަޢުގެ ބަދަހިކަން އިތުރުވެގެންދާނެ ކަމެއްކަން ޚުޠުބާގައި ފާހަގަކުރިއެވެ.

ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ތަވާޟުޢުވެރިކަމަކީ ކީރިތި ރަސޫލުންނާއި ނަބިއްޔުންގެ އިތުރުން، ތާރީޚުގައި ފާހަގަކުރެވުނު ޞާލިޙު އަދި ޙިކުމަތްތެރި ބޭކަލުންގެ ކިބައިން ފެނިގެންދިޔަ އެންމެ މުހިންމު އެއް ސިފައެވެ. މީގެ އިތުރުން، ތަވާޟުޢުވެރިވުމަކީ އަމިއްލަ ނަފްސު ތާހިރުކޮށް، އެހެން މީހުންނަށް އިޙްތިރާމްކޮށް، އޯގާތެރިކަމާއެކު މުޢާމަލާތްކުރުން ކަމަށާއި، އޭގެ ސަބަބުން މީހުންގެ މެދުގައި ލޯތްބާއި އެކުވެރިކަން ދެމިއޮންނާނެކަމަށް ޚުޠުބާގައި ބުންޏެވެ. އަދި މާތް ﷲ އަށްޓަކައި ތަވާޟުޢުވެރިވެއްޖެ މީހާގެ ދަރަޖަ އެކަލާނގެ އުފުއްލަވާނެކަމަށް އައިސްފައިވާ ނަބަވީ އިރުޝާދުތަކުން ހެކިދައްކާފައިވެއެވެ.

އެއާޚިލާފަށް، ކިބުރުވެރިކަމަކީ އިންސާނާގެ އަޚުލާޤު ފާސިދުކޮށް، އުނގެނުމާއި ޢިލްމު ހާސިލުކުރުމަށް އޮތް ހުރަހެއްގެ ގޮތުގައި ޚުޠުބާގައި ސިފަކޮށްފައިވެއެވެ. ބޮޑާ މީހާގެ ހިތަށް ޢިލްމުގެ އަލިކަން ވަނުމަށް ހުރަސްއެޅޭ ކަމަށާއި، އެފަދަ މީހުން މުޖުތަމަޢުގައި ބާކީވެ އެކަހެރިވެގެންދާނެ ކަމަށްވެސް ބުންޏެވެ.

ޚުޠުބާ ނިންމާލަމުން، ޔޫއޭއީގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައިވަނީ އިސްލާމީ ރީތި އަޚުލާޤީ ހަމަތަކުގައި ސާބިތުވެ ތިބުމަށެވެ. އަދި އަންނަން އޮތް ޖީލުތަކުގެ ހިތްތަކުގައި ތަވާޟުޢުވެރިކަމުގެ ސިފަ އަށަގަންނުވައި، ދަރިންނަށް އެ މާތް ސިފަ އުނގަންނައިދިނުމަށް ޚުޠުބާގައި ބާރުއަޅާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް