ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޤިޔާމަތްދުވަހުގެ ބިރުވެރިކަމާއި މަޙުޝަރުމައިދާނުގެ ނާމާންކަން ހަނދާނަށް ގެނެސް، އެ ދުވަހުގެ ޢަޛާބުން ސަލާމަތްވުމަށްޓަކައި ތަޤުވާވެރިވެ، ހެޔޮ ޢަމަލުތައް ގިނަކުރުމަށް އިއްޔެގެ ހުކުރު ޚުޠުބާގައި މީސްތަކުންނަށް ގޮވާލައްވައިފިއެވެ.

އިއްޔެގެ ހުކުރު ނަމާދަށްފަހު އިއްވި ޚުޠުބާ ބިނާކޮށްފައިވަނީ "ޤިޔާމަތްދުވަހާއި މަޙުޝަރުމައިދާނަށް ތައްޔާރުވާށެވެ" މި މައުޟޫޢުގެ މައްޗަށެވެ. ޚުޠުބާގައި ބުނީ، ޤިޔާމަތްވުމުގެ ޒަލްޒަލާއަކީ ބޮޑުވެގެންވާ ކަމެއް ކަމަށާއި، އެ ދުވަހުގެ ބިރުވެރިކަމުން ކިރުމައިން އެކުދިންގެ ދަރިންގެ މަތިން ހަނދާންނެތި، މާބަނޑު އަންހެނުން އެކުދިންގެ ބަނޑުގައިވާ ދަރި ވިހައި، މީސްތަކުން މަސްތުވެފައިވާ ފަދަ ޙާލަތެއްގައި ތިބޭނެ ކަމަށެވެ. މިއީ ﷲގެ ޢަޛާބު ގަދަފަދަކަމުން ވާނޭ ގޮތެއްކަން ޚުޠުބާގައި ފާހަގަ ކޮށްފައިވެއެވެ.

މަޙުޝަރު ބިމުގެ ނާމާންކަން ބަޔާން ކުރަމުން ޚުޠުބާގައި ބުނީ، އެ ދުވަހަކީ އެކަކު އަނެކަކަށް އެހީތެރިކަމެއް ފޯރުކޮށްނުދެވޭނޭ ދުވަހެއް ކަމަށެވެ. އެންމެ ގާތްމީހުން ކަމުގައިވާ އަޚުންނާއި، މަންމައާއި ބައްޕަ، އަދި އަނބިދަރިންގެ ކިބައިންވެސް މީހާ ފިލަން ދާނެ ކަމަށާއި، ކޮންމެ މީހަކުވެސް އަމިއްލަ ނަފުސުގެ ކަންތަކާއިގެން އަވަދިނެތި އުޅެންޖެހޭނެ ކަމަށެވެ. އެ ދުވަހުގެ ބިރުވެރިކަމުން ކުޑަކުދިން މުސްކުޅިންނަށް ހަދާލާނެ ކަމަށާއި، އުޑު އިރައިގެންދާނެ ކަމަށްވެސް ޚުޠުބާގައި ހަނދާންކޮށްދިނެވެ.

މީގެ އިތުރުން، ޤިޔާމަތްދުވަހު މީސްތަކުން ދެބަޔަކަށް ބެހިގެންވާނެކަން ޚުޠުބާގައި ފާހަގަ ކޮށްފައިވެއެވެ. އެގޮތުން އީމާންވެ ހެޔޮ ޢަމަލުކުރި މީހުން ތިބޭނީ އުފާވެރިކަމާއި ހިތްހަމަޖެހުމުގައެވެ. ނަމަވެސް ކާފިރުންނާއި ނުލަފާ މީހުންގެ މޫނުތަކަށް ކަޅު އަނދިރިކަމެއް ވެރިވެ، ބިރުވެރިކަމާއި ހިތާމައިގައި ތިބެންޖެހޭނެއެވެ. އެ ދުވަހުން ކުށްވެރިން އެމީހުންގެ ދަރިންނާއި އަނބިމީހާ އަދި މުޅި ދުނިޔޭގައިވާ އެންމެން ފިދާއެއްގެ ގޮތުގައި ދީފައިވެސް ޢަޛާބުން ސަލާމަތްވާން އެދޭނެ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

ހިސާބު ބެއްލެވޭ ވަގުތު އިންސާނާގެ އަނގަ ބަންދުކުރެވޭނެކަން ފާހަގަކޮށް ޚުޠުބާގައި ބުނީ، އެ މީހަކު ކުޅަ ޢަމަލުތަކަށް އެ މީހެއްގެ އަތާއި ފައި އަދި ހަންގަނޑު ހެކިދޭނެ ކަމަށެވެ. އަދި ކޮންމެ މީހެއްގެ ޢަމަލުތައް ހިމެނޭ ފޮތް ނިއުޅާލެވޭނެ ކަމަށާއި، ކިތަންމެ ކުޑަ ކަމެއްވެސް އެ ފޮތުގައި ނުލިޔެ ދޫކޮށްލާފައި ނުވާނެ ކަމަށެވެ.

ޚުޠުބާ ނިންމާލަމުން، އެ ދުވަހުގެ ނަޞީބުވެރިއަކީ ނަރަކައިން ސަލާމަތްވެ ސުވަރުގެ ލިބުނު މީހާ ކަމަށާއި، ޝައިޠާނާގެ ކެހިވެރިކަމަށް ނުހެއްލި، މަރުގެ ހަނދާން އާކޮށް، ތައުބާވެ ހެޔޮ ޢަމަލުކުރުމުގައި ދެމިތިބުމަށް ހުރިހާ މުސްލިމުންނަށް އިލްތިމާސް ކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު